ކޮވިޑް-19 އިން ދިފާއުވުމަށް އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަންވިލާތުގެ ބައޯއެންޓެކް ކުންފުނި ގުޅިގެން އުފެއްދި ވެކްސިން އާއްމުންނަށް ދިނުމުގެ ހުއްދަ ކެނެޑާ ސަރުކާރުން ދީފިއެވެ.

އެހެންކަމުން ކެނެޑާ މިވަނީ ފައިޒާގެ ވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދިން ދެވަނަ ގައުމަށެވެ. މީގެ ކުރިން ފައިޒާގެ ވެކްސިން އާއްމުންނަށް ދިނުމުގެ ހުއްދަ ހަމައެކަނި ދީފައި ވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުގައި އަންގާރަ ދުވަހު ވަނީ އާއްމުންނަށް ވެކްސިން ދޭން ފަށާފައެވެ.

ކެނެޑާގެ ސިއްހީ ކަންކަން ރެގިއުލޭޓް ކުރާ އިދާރާ ކަމަށްވާ "ހެލްތު ކެނެޑާ" އިން ނެރުނު ބަޔާނެއްގައި ބުނީ ފައިޒާ އިން ކޮވިޑް-19 އަށް އުފެއްދި ވެކްސިނާއި ގުޅޭ ކަންކަން މިނިވަން ފަރާތަކުން ދެމަސް ދުވަސް ވަންދެން ދިރާސާ ކުރުމަށްފަހު އެވެކްސިނަކީ ބޭނުން ކުރުން ރައްކާތެރި ވެކްސިނެއްކަމުގެ ކަށަވަރުކަން ދީފައިވާ ކަމަށެވެ.

ނަމަވެސް އަދިވެސް ހެލްތު ކެނެޑާއިންނާއި ޕަބްލިކް ހެލްތު އެޖެންސީ އޮފް ކެނެޑާ އިން ވެކްސިނާއި ގުޅޭ ކަންކަން ވަރަށް ގާތުން މޮނިޓާ ކުރަމުން ގެންދާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ކެނެޑާ އަށް މިމަސް ނިމުމުގެ ކުރިން 249000 ޑޯޒްގެ ފައިޒާ ވެކްސިން ލިބޭނެއެވެ. އަދި އަންނަ އަހަރުގެ މާޗް މަސް ނިމުމުގެ ކުރިން އިތުރު ހަތަރު މިލިއަން ޑޯޒްގެ ވެކްސިން އެގައުމަށް ލިބޭނެއެވެ. ކެނެޑާގެ އާބާދީ 37.59 މިލިއަނަށް އަރައެވެ. އެހެންކަމުން އެގައުމުގެ އާބާދީއަށް ބޭނުންވާ ވަރަށް އަންނަ އަހަރު ނިމޭއިރު ވެސް ވެކްސިން ލިބޭނެކަމުގެ ޔަގީންކަމެއް އަދި ނެތެވެެ.

ކެނެޑާ އިން މިހާތަނަށް 435,330 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ނޮވެމްބަރ މަސް ފެށުނު ފަހުން އެގައުމުން ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ފައިޒާގެ ވެކްސިނަށް އިނގިރޭސިވިލާތާއި ކެނެޑާ އިން ހުއްދަ ދިން ނަމަވެސް އެވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ އިން އަދި ނުދެއެވެ. މިއަދު އޮންނަ އެމެރިކާގެ އެފްޑީއޭގެ ބައްދަލުވުމުގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދޭނެ ކަމަށް ލަފާކޮށް މިހާރު އެމެރިކާގެ ވަރަށް ގިނަ ސަރަހައްދުތަކަށް ވަނީ ވެކްސިން ޑެލިވަރީ ކޮށްފައެވެ. ވެކްސިން ބޭނުން ކުރުމުގެ ހުއްދަދޭތާ 24 ގަޑިއިރުގެ ތެރޭގައި އެމެރިކާ އިން އާއްމުންނަށް ވެކްސިން ދޭން ފަށާނެއެވެ.