ތައިލޭންޑްގެ ވެރިރަށް ބެންކޮކުގައި 25 ވައްތަރެއްގެ ވިޔަފާރި މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށް ޕަބްލިކް ރިލޭޝަންސް ޑިޕާޓްމެންޓުން ބުނެފިއެވެ.

އެގައުމުގެ ގަވާނަރު އަސްވިން ވަންމުއަންގް ސޮއިކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެތަންތަން ބަންދު ކުރުމަށް އަންގާފައިވަނީ ބަލި ފެތުރޭނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށެވެ.

ބަންދު ކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނެނީ ބާ، ޕާކުތައް، ކުޑަކުދިން ކުޅޭ ތަންތަން، ފިޓްނެސް ސެންޓަރުތައް، މަސާޖު ޕާލާއެވެ. މީގެ އިތުރުން ސްކޫލްތަކާއި، ކިޔެވުމަށް ކުދިން ދާ ތަންތަން ހިމެނެއެވެ.

މި ތަންތަން ބަންދު ކުރި ނަމަވެސް ރެސްޓޯރެންޓް، ފިހާރަތައް، ސިނަމާގެ އިތުރުން ސެލޫންތައް ހުޅުވާފައި ހުންނާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެތަންތަން ހުޅުވޭނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް އަޅައިގެން ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އެގައުމުގެ ސަރުކާރުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އުސޫލުތަކާއި ހިލާފުވާ މީހުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށެވެ. ނުވަތަ 100،000 ބާތު (3،333 އެމެރިކާ ޑޮލަރު) ޖޫރިމަނާ ކުރާނެ ކަމަށެވެ.

ތައިލޭންޑުން މިއަދު ކޮވިޑް-19 ގެ 216 ވޭދަނައެއް ވަނީ ފެނިފައެވެ. މިއާއި އެކީ އެގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 7،379 އަށް އަރާފައި ކަމަށް އެގައުމުގެ ޑިޒީސް ކޮންޓްރޯލް ޑިޕާޓްމެންޓުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 1،545 މީހުންނަކީ ބެންކޮކުން ފައްސިވެފައިވާ މީހުންނެވެ.

އެގައުމުން މި ބަލި ޖެހިގެން މިހާތަނަށް 4،299 މީހަކު ރަނގަޅުވެފައިވާއިރު، މި ބަލި ޖެހިގެން މަރުވެފައިވަނީ 64 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތެޔޮދަމަން ތި ތަނަށް ދާ ދިވެހިންނަށް ވަރަށް ގެއްލުންވާނެ!

    4
    1