ކޮވިޑް-19 އާ ގުޅިގެން އިންގްލޭންޑް ފުރަބަންދުކޮށް، ގެއިން ބޭރަށް ނުކުތުން މަނާކޮށްފިއެވެ.

މިކަން އިއުލާނު ކުރައްވާފައި ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެވެ.

ބޮރިސް ވިދާޅުވީ، ކޮވިޑް-19ގެ އާ ވައްތަރާއެކު، އެ ގައުމުގައި އެކި ސަރަހައްދުތަކުގައި ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނަ ކަަމަށެވެ.

އެހެންކަމުން އާއްމުން އާ ގަވާއިދަށް ކަމޭހިތުމަށް ވަނީ އެދިފައެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން އިންގްލޭންޑް ފުރަބަންދު ކުރި ތިން ވަނަ ފަހަރެވެ. މި ފުރަބަންދުގެ މުއްދަތު ފެބްރުއަރީ މަހުގެ މެދު ތެރެއަށް ދެމިގެން ދާނެ އެވެ.

މި ފުރަބަންދާއެކު، އެ ގައުމުގެ ރައްޔިތުން ގޭގައި ތިބުމަށް އަންގާފައިވާއިރު، ގެއިން ބޭރަށް ނުކުތުމަށް ހުއްދަ ދީފައި ވަނީ ވަކި މަސައްކަތްތަކެއް ކުރާ މީހުންނަށެވެ. އަދި ވަކި ކަންތައްތަކެއް ކުރުމަށް ގެއިން ބޭރަށް ދެވޭނެ ކަމަށް ކަނޑައަޅާފައި ވެއެވެ.

އޭގެ ތެރޭގައި

  • ގޭގައި ތިބެގެން ނުކުރެވޭ މަސައްކަތް ކުރާ މީހުން، ކޮންސްޓްރަކްޝަން މަސައްކަތް
  • ކާތަކެތި ވިއްކާ ފިހާރަތަކާއި ބޭސް ފިހާރަތަކުގައި މަސައްކަތް ކުރާ މީހުން
  • ކޮންމެ ދުވަހަކު އެއްފަހަރު ކަސްރަތު ކުރުމަށް
  • ހާލު ދެރަ މީހުންނަށް އެހީވުމަށް
  • ބޭސް ފަރުވާއަށް

މީގެ އިތުރުން، މާދަމާ އިން ފެށިގެން ޕްރައިމަރީ ސްކޫލްތައް ބަންދުކޮށް، އޮންލައިން ކްލާސްތައް ކުރިއަށްގެންދަން ވަނީ އަންގާފައެވެ/

ބޮރިސް ވިދާޅުވީ، އެ ގައުމުގައި ކޮވިޑް-19ގެ އާ ވައްތަރު ހަލުވިކަމާއެކު ފެތުރެމުންދާ ކަަމަށެވެ.

"އަޅުގަނޑުމެން މިހާރުވެސް ވާހަކަދައްކަމުންދާއިރު، އަޅުގަނޑުމެންގެ ހޮސްޕިޓަލްތަކަށް މި ވަނީ، ޕެންޑެމިކް ފެށުނުއިރު، ޕްރެޝަރު ބޮޑުވި ވަރަށްވުރެ ބޮޑަށް ޕްރެޝަރު ބޮޑުވެފައި". ބޮރިސް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19 އިތުރަށް ފެތުރެމުން ދާތީ ސްކޮޓްލޭންޑް ފުރަބަންދު ކުރުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގެ ފަސްޓް މިނިސްޓަރ ނިކޮލާ ސްޓަޖަން ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، އެ ގައުމުގައި މިހާރު ދުވާލަކު ފައްސިވާ މީހުންގެ އަދަދު ހުރީ 50،000 އަށް ވުރެ މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 👇🏻

    މިރާއްޖޭގެ ސިއްޚީ ނިޒާމު މާފުރިހަމަ ވާނެ އިގަރޭސިވާތަށް ވުރެ... މިރާއްޖޭ ޕޮޒިޓިވް ކޭސްތަކެއް ނޭގޭނެ ޓެސްޓުވެސް ކުރާނެ ކިޓުތައް މަދުކަމުން ޓެސްޓު ނުކުރޭ...ވެރިންގެ އާއިލާތަކަށް ޓްރީޓޮޕުން ފްލޯ އެއްކޮށް ހިފާފަ... ނިކަމެތިމީހާ ކޮވިޑްގައި މަރު

    5
    1