ކޮވިޑް-19ގެ ސަބަބުން އިޓަލީގައި އިއުލާނު ކޮށްފައިވާ ފުރަބަންދު (ލޮކްޑައުން) މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

އެގައުމުގެ ސަރުކާރުން ބުނީ، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ވަޒީފާ އަދާ ކުރާ މީހުން ފިޔަވައި ފުރަބަންދުގައި އެއް އަވަށުން އަނެއް އަވަށުން ދަތުރު ކުރުން މަނާ ވާނެ ކަމަށެވެ. އާންމުންނަށް ރައްޓެހިން ކައިރިއަށް ދުވާލަކު އެއް ފަހަރު ދެވޭނެ އެވެ. އެގޮތަށްވެސް ދެވޭނީ ބޮޑު މީހުންގެ ތެރެއިން ދެ މީހުންނަށެވެ.

މި މުއްދަތުގައި ރެސްޓޯރެންޓްތަކުން ހަމަ އެކަނި ދެވޭނީ ޓޭކްއަވޭގެ ހިދުމަތްތަކެވެ.

އެގައުމުގެ ހައި ސްކޫލްތައް މި މަހުގެ 11 ވަނަ ދުވަހު ހުޅުވަން ނިންމާފައިވާއިރު، 50 އިންސައްތަ ކުދިންނަށް ކިޔަވައިދޭނެ ނިންމާފައިވަނީ ސްކޫލްތަކުގައެވެ. އަދި އަނެއް 50 އިންސައްތަ ކުދިންނަށް ކިޔަވައިދޭން ނިންމާފައިވަނީ އޮންލައިން ކޮށެވެ.

"ސްކޫލްތައް ހުޅުވަން އެކަށީގެންވާ ޝަރުތުތައް ފުރިހަމަ ނުވާ ނަމަ ހުޅުވުމުގެ ބޭނުމެއް ނެތް. ދުވަސްކޮޅަކަށް ހުޅުވާފައި އަނެއްކާވެސް ޖެހޭނީ ބަންދު ކުރަން" އެގައުމުގެ ހެލްތް އަންޑަސެކްރެޓަރީ ސަންޑްރާ ޒަމްޕާ ބުންޏެވެ.

އެގައުމުގެ ބައެއް ސަރަހައްދުތައް ކަމަށްވާ ވެނެޓޯ އާއި ފްރުއިލީ ވެނެޒިއާ ގުއިލާ ފަދަ ސަރަހައްދުތަކުގައި ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ބާރު އެ ސަރަހައްދުތަކުގެ އިސްވެރިންނަށް ލިބިފައިވެއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިޓަލީން މިހާތަނަށް 2،166،224 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރެއިން 10،800 މީހުންނަކީ އިއްޔެ ފައްސިވެފައިވާ މީހުންނެވެ. އެގައުމުން މިހާތަނަށް މި ބަލި ޖެހިގެން 75،680 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު