ރޭޕްގެ ޝިކާރައަކަށްވާ އަންހެނުންނަކީ ބިކުރުވެރިންތޯ ބަލަން ޕާކިސްތާނުގެ ކޯޓުން މަނާ ކޮށްފިއެވެ.

މީގެ ކުރިން ޕާކިސްތާނުގައި އަންހެނަކު ރޭޕްގެ ޝިކާރައަކަށް ވެއްޖެނަމަ އެމީހަކީ ބިކުރުވެރިއެއްތޯ ބެލުމަށް ޖިންސީ ގުނަވަނުގައި އެކަމަށް ހާއްސަ ކުރިވެފައިވާ އަންހެނަކު އަތްލައި ހަދައެވެ. މިއީ ޤާނޫނަކުން ބާރުލިބިގެން ކުރާކަމެއް ނޫނަސް އެއީ އެގައުމުގައި އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.

އެހެން ނަމަވެސް ޕާކިސްތާނުގެ ލާހޯރު ހައިކޯޓުން އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ އެގޮތަށް ޓެސްޓް ކުރުން މަނާ ކުރީ އެއީ އަންހެން މީހާގެ ޒާތީ މިނިވަން ކަމަށް އަރައިގަތުން ކަމަށްވާތީ ކަމަށެވެ.

"އެ ޓެސްޓް ހެދުމަކީ މީހުންގެ ޒާތީ ކަންކަމަށް އަރައި ގަތުން އެއްވެސް ސައިންޓިފިކް ނޫނީ މެޑިކަލް ކަމަކާ ނުލާ. އެކަމް މިކަން ކުރަނީ މެޑިކަލް ޕްރޮޓޮކޮލްގެ ނަން އަޅުވާފައި ޖިންސީ ޝިކާރައަކަށްވާ މީހުންނަށް" ހައިކޯޓުގެ ގާޒީ އައިޝަ މާލިކް އިއްވާފައިވާ ހުކުމުގައި ބުނެފައިވެއެވެ.

އެހުކުމުގައި ބުނެފައިވަނީ އެއީ ސައިންޓިފިކް ގޮތުން ނޫނީ ސިއްހީގޮތުންވެސް ކުރަންޖެހޭ ކަމަކަށް ނުވާއިރު. އެކަމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި އެއީ އަނިޔާ ލިބިފައިވާ މީހާ އިތުރަށް ލަދުގަންނަން ޖެހޭ ހާލަތެއް ކުރިމަތި ކުރުވާ ކަމެއް ކަމަށެވެ. މީގެ އިތުރުން އެ ހުކުމުގައި ވަނީ އެކަން ކުރުން ހުއްޓާލައި އެ ނޫން އިތުރު ގޮތެއް ހޯދުމަށްވެސް އަންގާފައެވެ.

އެއީ ޕާކިސްތާނުގެ ގާނޫނަކުން ބާރު ލިބިގެން ކުރާ ކަމެއް ނޫން ކަމުން އައިޝާ ވަނީ ވަގުތުން ވަގުތަށް އެކަން ކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.

2018 ވަނަ އަހަރު ޔޫއެން އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ރޭޕްގެ ޝިކާރައަށްވާ އަންހެނުންނަކީ ބިކުރުވެރިންތޯ ބެލުމަށް 20 ގައުމެއްގައި ގާނޫނުން ބާރު ލިބިގެން ނޫން ކަމަށްވިއަސް ޓެސްޓް ހަދަމުން އަންނަ ކަމަށެވެ.