އިނގިރޭސިވިލާތުން މިއަދު ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެ ކޮވިޑް-19 ޖެހިގެން އިތުރު 1041 މީހަކު މަރުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި މިއަދު އެގައުމުން 62322 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެހެންކަމުން މިއަދަކީ އިނގިރޭސިވިލާތުން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. އަދި އޭޕްރީލް މަހުގެ 21 ވަނަ ދުވަހަށް ފަހު އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހަކީ ވެސް މިއަދެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރު ވަމުންނެވެ. އިއްޔެ އެގައުމުން ފައްސިވީ 60916 މީހުންނެވެ. އިއްޔެ ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ 830 މީހުންނެވެ.

ކޮވިޑް-19 ފެތުރުން އިތުރުވެފައި ވާތީ އިންގްލެންޑް ފުރަބަންދުކޮށް އިތުރު ސަރަހައްދުތަކުގައި ވެސް ވަނީ މިހާރު ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. ފުރަބަންދުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.

ޖޯންސަން މިއަދު ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިހާރު އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަކީ އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑް-19 އަށް ފައްސިވުމުން ހާލަތު ގޯސްވެދާނެ މީހުން ބަލިން ރައްކާތެރިވުމަށް އަޅާފައިވާ އައްޑަނައެއް ކަމަށެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު މިއަދު ވަނީ އިނގިރޭސިވިލާތުގެ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ގެންދާ ކޮވިޑް-19 ބަލި މީހުންގެ އަދަދު ފުރަތަމަ ފަހަރަށް 30000 އަށްވުރެ އިތުރުވެފައެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 30451 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ކޮވިޑް-19 ވެކްސިން ދިނުމަށް ހަތް ސަރަހައްދެއް ކަނޑައަޅައި، އެސެންޓަރުތަކުން ވެކްސިން ދިނުން އަންނަ ހަފްތާގައި ފަށާނެކަން އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު