އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެމެރިކާގެ އެކި ސްޓޭޓްތަކުގެ އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބޭ ގޮތް އިއުލާންކޮށް، ނަތީޖާތަކުގެ ޤާނޫނީ ސައްހަކަން އިއުލާން ކުރަން ބާއްވާ ޖަލްސާ އާއި ދިމާކޮށް ވެރިރަށް ވޮޝިންޓަން ޑީސީގައި ހަމަނުޖެހުން ހިންގަން ފެށުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ކާފިއު ހިންގަން ފަށައިފިއެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި މޭޔަރު މުރިއެލް ބައުސާ ވަނީ މުޅި ވޮޝިންޓަން ޑީސީގައި މިހާރު ކާފިއު އިއުލާން ކުރައްވާފައެވެ.

ވޮޝިންޓަން ޑީސީގައި ހުންނަ ޤާނޫނު ހަދާ މަޖިލީހުގެ ގެ ކެޕިޓަލް ބިލްޑިންގަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަތުމުން 52 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ކެޕިޓަލް ބިލްޑިންގްގެ ތެރެއަށް ވަދެގަތް މީހުންގެ ތެރެއިން އެކަކު ވަނީ ފުލުހުން ބަޑި ޖެހުމުން މަރުވެފައެވެ. އަދި އިތުރު ތިން މީހަކު ވަނީ ހަމަނުޖެހުންތަކުގެ ތެރެއިން މަރުވެފައެވެ. ނަމަވެސް އެމީހުން މަރުވީ ފުލުހުންނާއި ކުރިމަތިލައިގެން ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވޮޝިންޓަން ޑީސީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ކާފިއު ހިންގަން ފެށުމުން މިހާރު ވަނީ މަގުތައް ކޮންމެވެސް ވަރަކަށް އަމާންވެފައެވެ. މަގުތަކަށް މިހާރު ވަނީ ގިނަ އަދަދެއްގެ ފުލުހުން ނެރެފައެވެ. ފުލުހުން ވަނީ ވަރަށް ގިނަ މަގުތައް ބަންދުކޮށް ބެރިކޭޑް ޖަހާފައި ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.

ކޮންގްރެސްގެ ބައްދަލުވުމުން މެދުކަނޑާލުމަށްފަހު މިހާރު އަލުން ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

ކެޕިޓަލް ބިލްޑިންގްގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް ޓްރަމްޕް އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައެވެ. ހަމަނުޖެހުންތައް ފެށުމުގެ އިރުކޮޅެއް ކުރިން ޓްރަމްޕް ވަނީ ވައިޓްހައުސްގެ ބޭރުގައި ސަޕޯޓަރުންނާއި ބައްދަލުކޮށް އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާކަމަށް އަނެއްކާވެސް އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަނުގެ ދަރި ލަތީފް

    މިތާ އުޅޭ ބުއްޅބެޔެކޭ އެއްގޮތް ދޮއްތަ . އޭނާ ބޭނުން ގޮތަކަށް ކަނތައް ކުރަން ދިމާކުރަނީ ވޯޓުން ބަލިވީމަ ބަލި ގަބޫލެއް ނުކުރޭ. ހިނދުކޮޅުގަ ހުރެ އިސްތިއުފާ ދިފަ ހަމަހޭވެރިކަން ލިބުނިމަ އަލުން ވެރިކަންހޯދަން ތެޅިބޭލީ