ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 1،266 މީހަކު މަރުވެއްޖެއެވެ.

ބްރެޒިލް އިން އިއްޔެ ގިނަ ބަޔަކު މަރުވުމާއި ގުޅިގެން، ކޮވިޑް ޖެހިގެން އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 199,043 އަށް އަރާފައެވެ. އެގައުމުން މި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،554 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ބްރެޒިލް އިން އިތުރު 62,532 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއާއެކު މިހާރު ބްރެޒިލް އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7,874,539 އަށް އަރާފައެވެ.

އެންމެ ގިނަ ބަޔަކަށް އެއްދުވަސް ތެރޭ އެގައުމުން ބަލި ޖެހިފައިވަނީވެސް ޖުލައި 29 ގައެވެ. އެއީ 70،869 އެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 7,036,530 މީހެކެވެ. އަދި 8,318 މީހުންނަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މިބަލީގައި ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި އޮތް ބްރެޒިލް އަށް ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެޤައުމުގައި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

ބްރެޒިލް ހިމެނޭހެން ދުނިޔޭގެ 218 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 87 މިލިއަނަށް ވުރެ މަތީގައި އުޅޭއިރު، އޭގެތެރެއިން 1,892,685 މީހުން ވަނީ މަރުވެފައެވެ.