ކޮވިޑް-19 ފެތުރެމުން އަންނާތީ ޗައިނާގެ 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސީޖިއަރުއަންގް ފުރަބަންދު (ލޮކްޑައުން) ކޮށްފިއެވެ.

އެގައުމު ފުރަބަންދު ކުރުމާއި އެކީ އާންމު ހިދުމަތްދޭ ހުރިހާ ތަނަކާއި ސްކޫލްތައް ބަންދުވާނެއެވެ. އަދި އާންމުން އެއްވެސް އުޅުންވެސް މަނާ ވާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެހެން ކަމުން ސްކޫލްތަކުގައި ވަގުތީ ގޮތުން އޮންލައިންކޮށް ކިޔަވައި ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އުތުރު ޗައިނާގެ ސީޖިއަރުއަންގް އިން މިދިޔަ ހޯމަ ދުވަހު އިތުރު 11 މީހަކު ބަލި ޖެހިގެން ފެނިފައިވާއިރު، 30 މީހެއްގެ ފަރާތުން އަލާމާތެއް ނުފެނި ފައްސިވެފައިވާކަން ވަނީ އެނގިފައެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގް އާއި 18 މޭލު ހުޅަގު ދެކުނުން އޮންނަ ސީޖިއަރުއަންގް ފުރަބަންދު ކުރުމަށްފަހު ކަމާއި ބެހޭ އިދާރާތަކުގެ މީހުން ވަނީ މުޅި އެ ހިސާބު އެއްކޮށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނިންމާފައެވެ. އެގޮތުން އަންގާރަ ދުވަހު އެސަރަހައްދުން 52،784 މީހަކު ވަނީ ބައްޔަށް ޓެސްޓް ކޮށްފައެވެ. އަދި ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެގައުމުގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އެންޑް ޕްރިވެންޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ފެންގް ޖިއަން ވިދާޅުވެފައި ވަނީ ބެލެވޭ ގޮތުގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވާން ފަށާފައިވަނީ ޔޫރަޕްގެ ސަރަހައްދުން އައިސްފައިވާ އާ ވައްތަރުގެ ކޮވިޑް-19 އާއި ގުޅިގެން ކަމަށެވެ. އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް ފެންގް ހާމަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު