އެމެރިކާ އިން އިއްޔެ ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެ، ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އެމެރިކާ އިން އިއްޔެ 274,190 މީހުން ކޮވިޑް-19 އަށް ފައްސިވެ، ކޮވިޑް-19 ޖެހިގެން 4,134 މީހަކު ވަނީ މަރުވެފައެވެ. އެހެންކަމުން އިއްޔެ އަކީ މިހާތަނަށް އެއްދުވަސް ތެރޭގައި އެމެރިކާ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، އަދި ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

އިއްޔެ ފިޔަވައި ދެން އެމެރިކާގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، އަދި ކޮވިޑް-19 ޖެހިގެން މަރުވީ އިއްޔެގެ ކުރީ ދުވަހު އެވެ.

މިހާރު އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 22.1 މިލިއަނަށް އަރައެވެ. އޭގެތެރެއިން 374,124 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

އެމެރިކާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު ފައްސިވެ އަދި އެންމެ ގިނަ ބަޔަކު މަރުވަމުން ދަނީ ކެލިފޯނިއާ އިންނެވެ. ހާއްސަކޮށް ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ލޮސް އެންޖެލިސް އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، އެސަރަހައްދުގެ ހޮސްޕިޓަލްތައް ފުރި، ބަލި މީހުންނަށް ފަރުވާ ނުދެވޭ ވަރު ވަނީ ވެފައެވެ.

އެމެރިކާގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދާއިރު އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އާވޭރިއަންޓް މިހާރު އެމެރިކާގައި ވެސް ދަނީ ފެތުރެމުންނެވެ. މިހާތަނަށް އެމެރިކާގެ އަށް ސްޓޭޓަކުން ވަނީ އާވެރިންޓްގެ ކޭސްތައް ފެނިފައެވެ.

އެމެރިކާގެ ހާލަތު ގޯސްވަމުން ދިޔަ ނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ކުރަން އެހެން ގައުމުތަކުގައި އަޅާފަދަ ހަރުކަށި ފިޔަވަޅުތަކެއް އެމެރިކާ އިން ނާޅައެވެ.

ކިޔުންތެރިންގެ ހިޔާލު