ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފިއެވެ.

ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާ އިން ބުނާ ގޮތުގައި ރަސްގެފާން ހުކުރު ދުވަހު ވެކްސިން ޖައްސަވާފައި ވަނީ ސައުދީ އަރަބިއްޔާގެ ހާއްސަ އިޤުތިޞާދީ ސަރަހައްދު ކަމަށްވާ ނިއޯމީގައެވެ. ރަސްގެފާން ސަލްމާން ވެކްސިން ޖެއްސެވި މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާ އިން ވަނީ އާއްމު ކުރައްވާފައެވެ.

ރަސްގެފާން ސަލްމާނަކީ އުމުރުފުޅުން 85 އަހަރުގެ ބޭފުޅަކަށް ވުމުން ކޮވިޑް-19 ޖެހިއްޖެނަމަ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ކޮވިޑް-19 ފެތުރެން ފެށިފަހުން ސަލްމާން ރަސްގެފާން އާއްމު އެއްވެސް ހަފްލާއެއްގައި ވެސް ބައިވެރިވެ ވަޑައިއެއް ނުގަންނަވައެވެ. އެއި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކަމަށް ސައުދީ ސަރުކާރުން ކުރިން ބުނެފައި ވެއެވެ.

ރަސްގެފާން ޖައްސަވާފައި ވަނީ ކޮން ކުންފުންޏެއްގެ ވެކްސިނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ސައުދީ އަރަބިއްޔާ އިން ވަނީ ފައިޒާ އާއި ބައޯއެންޓެކްގެ ވެކްސިނަށް ހުއްދަ ދީފައެވެ. އަދި ޗައިނާގެ ސިނޮވެކް ވެކްސިން ވެސް ތަހްލީލް މަރުހަލާގައި ސައުދީ އަރަބިއްޔާގައި ޓެސްޓް ކުރަމުން އެބަގެންދެއެވެ.

ވަލީއަހްދު މުހައްމަދު ބިން ސަލްމާން އާއި ސައުދީ އަރަބިއްޔާގެ އިސް ގިނަ ވެރިން މިހާރު ވަނީ ކޮވިޑް-19 ވެކްސިން ޖައްސަވާފައެވެ.

ސައުދީ އަރަބިއްޔާ އަކީ މެދުއިރުމަތިން ކޮވިޑް-19 އަށް އެންމެ ގިނަ ބަޔަކު ފައްސިވި އެއްގައުމެވެ. އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު 360000 އަށްވުރެ ގިނަ އެވެ. ކޮވިޑް-19 ޖެހިގެން ސައުދީ އަރަބިއްޔާ އިން ވަނީ 6200 އަށްވުރެ ގިނަ މީހުން މަރުވެފައެވެ. ނަމަވެސް މިހާރު ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް، ގިނަ ލުއިތަކެއް ވެސް ސައުދީ އަރަބިއްޔާ އިން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު