އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސްގެ އާވޭރިއަންޓް ލަންކާއިން ފެނިއްޖެއެވެ.

ސްރީލަންކާ ހެލްތު މިނިސްޓްރީގެ ޗީފް އެޕިޑޮމޮލޮޖިސްޓް ޑރ.ސުދާތު ސަމަރަވީރާ ވިދާޅުވީ އިނގިރޭސިވިލާތުން ސްރީލަންކާއަށް އައި މީހަކު ކޮވިޑް-19 ވައިރަސްގެ އާވޭރިއަންޓަށް ފައްސިވެފައިވާ ކަމަށެވެ.

ޑރ.ސުދާތު އިނގިރޭސިވިލާތުން އާވޭރިއަންޓަށް ފައްސިވި މީހާ ހުރީ ކަރަންޓީންގައި ކަމަށެވެ.

އިނގިރޭސިވިލާތުން އާވޭރިއަންޓަށް މީހަކު ފައްސިވި ނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރަށް އިތުރު ފިޔަވަޅެއް އަޅަން މިވަގުތު ނިންމާފައި ނުވާކަމަށް ޑރ.ސުދާތު ވިދާޅުވިއެވެ.

ސްރީލަންކާ އިން މިހާތަނަށް 50,899 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 247 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. ސްރީލަންކާ އިން ފުރަތަމަ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ދުނިޔެއަށް މިސާލު ދެއްކި ނަމަވެސް އޮކްޓޯބަރ މަހުން ފެށިގެން އެގައުމުގެ ހާލަތު ގޯސްވާން ފެށިފަހުން އަދިވެސް ބަލި ކޮންޓްރޯލް ނުކުރެވެއެވެ. އިއްޔެ ވެސް ސްރީލަންކާ އިން ވަނީ 692 މީހުން ފައްސިވެފައެވެ. އިއްޔެ އަކީ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހަށްފަހު އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ކޮވިޑް-19 އަށް ބަދަލުތަކެއް އައިސް އާވޭރިއަންޓްތަކެއް އުފެދުނު ނަމަވެސް އާވޭރިއަންޓްތަކަށް ފައްސިވާ މީހުންގެ ހާލަތު ވަކިން ބޮޑަށް ގޯސްވެގެން ދާކަމަކަށް އަދި ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް އާވެރިއަންޓްތައް މާއަވަހަށް ފެތުރެމުން ދާތީ އެއީ ނުރައްކަލެއް ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު