މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 590 މީހުން މަރުވެއްޖެ އެވެ.

ރަޝިއާއަކީ ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ މީހުން ފައްސިވި ގައުމެެވެ. އަދި މިއަދު މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވީވެސް އެ ގައުމުންނެވެ. މިއަދު އެ ގައުމުން 24،092 މީހަކު ފައްސިވެފައި ވެއެވެ.

އެ ގައުމުގެ ހާލަތަށް ބަލާއިރު، އެ ގައުމުން މިހާރު 3,544,623 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން މިހާރު 2,936,991 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ފަރުވާދެމުން ދަނީ 542,547 މީހަކަށެވެ. އެގައުުމުގެ ތަފާސްހިސާބުތައް ދައްކާގޮތުން މީގެ ތެރެއިން 2،300 މީހުންގެ ހާލު ސީރިއަސް އެވެ.

އެ ގައުމުން މިއަދު 590 މީހުން މަރުވިއިރު، އެ ގައުމުގައި ކޮވިޑް-19ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އުޅެނީ 400 އިން މަތީގައެވެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަަދަދު ވަނީ 65,085 އަށް އަރާފައެވެ.

ރަޝިއާ އަކީ ކޮވިޑް-19 ވެކްސިނަކަށް އެންމެ ފުރަތަމަ ހުއްދަ ދިން ގައުމެވެ. ރަޝިއާ އިން މިހާރު ގެންދަނީ އާއްމުންނަށް ވެކްސިން ދެމުންނެވެ. ނަމަވެސް އަދި ވެކްސިންގެ ސަބަބުން ބަލި ކޮންޓްރޯލްކޮށް ގައުމުގެ ހާލަތު ކޮންޓްރޯލް ވާން ދެތިން މަހެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކުރެވެއެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގެ މޭޔަރު މިއަދު ވިދާޅުވީ މޮސްކޯގެ ހާލަތު ކޮވިޑް-19ގެ ކުރިން އޮތް ހާލަތައް ދާނެކަމަށް ބެލެވެނީ މެއި މަހާއި ހިސާބުގައި ކަމަށެވެ. ޖަނަވަރީ 21 ވަނަ ދުވަހާއި ހަމައަށް މޮސްކޯގައި މިހާރު ވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ހަރުކަށި ފިޔަވަޅުތަކުގެ މުއްދަތު އިތުރު ކުރުން ވެސް އެކަށީގެންވެއެވެ.