ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ފައްސިވުމުން ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތައް މެދުކަނޑާލައިފިއެވެ.

ސްރީލަންކާ ޤާނޫނު ހަދާ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ދަމިކާ ޑަސަނަޔަކަ ވިދާޅުވީ ހަތަރު މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމުން އެމުވައްޒަފުންނާއި ބައްދަލުވެފައިވާ މަޖިލީހުގެ މެންބަރުން ވެސް މިހާރު ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"މިހާރު ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނަ އާއި އިތުރު 15 މެންބަރުންގެ ސުންކު ނަގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. މިހާތަނަށް ފައްސިވި ހަތަރު މުވައްޒަފުން ވަނީ ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ފަރުވާދޭ ފެސިލިޓީއަކަށް ބަދަލުކޮށްފައި." ޑަސަނަޔަކަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ ފަރާތްތަކުގެ ނަތީޖާތައް ލިބޭ ގޮތެއް ބެލުމަށްފަހު މާދަމާ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތައް އަލުން ފެށުމަށް ތާވަލް ކޮށްފައިވާ ކަމަށެވެ.

މާޗް މަހު ލަންކާ އިން ކޮވިޑް-19 ފެނުމުން އެގައުމުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައި ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރިއެވެ. އޭރު ކޮވިޑް-19 މުޅި ދުނިޔެ އިން ވެސް ކޮންޓްރޯލް ކުރި މަދު ގައުމުތަކުގެ ތެރޭގައި ލަންކާ ހިމެނުނެވެ. ނަމަވެސް އޮކްޓޯބަރ މަސް ފެށުނު ހިސާބުން ލަންކާގެ ހާލަތު ގޯސްވެ ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.

އިއްޔެ ވެސް ލަންކާ އިން 719 މީހަކު ވަނީ ފައްސިވެފައެވެ. އިއްޔެ އަކީ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހަށް ފަހު ލަންކާ އިން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. މިހާތަނަށް އެގައުމުން 52,313 މީހަކު ފައްސިވެ 256 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު