އިންޑިއާ އިން އުފެއްދި ވެކްސިން ޖެހި ގިނަ މީހުންނަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާ އިރު، ގިނަ ބަޔަކު މިވަގުތު ވެކްސިން ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ހިފަމުން ނުދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

އިންޑިއާގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް މިދިޔަ ހަފްތާގައި ވަނީ ފަށައިފައެވެ. އެ ގައުމުގެ އަމާޒަކީ އަންނަ ޖުލައި މަހާ ހަމައަށް ދާ އިރު، 300 މިލިއަން މީހުންނަށް ވެކްސިން ދިނުމެވެ. އިންޑިއާގެ އާބާދީއަކީ 1.3 ބިލިއަން މީހުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިންޑިއާ އިން އުފެއްދި ވެކްސިން ޖެހި ފަހުން ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން 52 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ. އެކަމަކު، އެ ދެމީހުން މަރުވީ ސީދާ ވެކްސިން ޖެހުމުގެ ސަބަބުން ނޫން ކަމަށްވެއެވެ.

އުމުރުން 42 އަހަރުގެ ފިރިހެން މިހާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި 52 އަހަރުގެ މީހާ މަރުވެފައި ވަނީ ހިތަށާއި ފުއްޕާމެއަށް ޖެހުނު ބައްޔަކާ ހުރެ، އޭނާ އަށް ފަރުވާ ދެމުން ދަނިކޮށެވެ.

އިންޑިއާ ސަރުކާރުން ބުނި ގޮތުގައި ވެކްސިން ޖެހި ފުރަތަމަ ތިން ދުވަހުގެ ތެރޭގައި 580 މީހަކަށް ސިއްހީ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.

ސަރުކާރުން ބުނީ ފުރަތަމަ ދިން ދުވަހުގެ ތެރޭގައި 381،305 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. އެގޮތުން ވެރިރަށް ނިއު ދިއްލީ އިން ވެކްސިން ޖެހުމަށް ނުކުމެފައި ވަނީ 53 އިންސައްތަ މީހުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

"މިއީ ފުރަތަމަ ދުވަސްކޮޅަށްވީމަ އާ ވެސް އެކީގައި އަދި މީހުން މަޑުކޮށްލައިގެން ތިބީ މިއަށް ވާނެ ގޮތަކާ މެދުގައި ބަލަން،" ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށްދާ ގޮތް ހާމަ ކުރައްވައި ޓާސްކް ފޯސްގެ މެމްބަރު ސުނީލާ ގާގް ވިދާޅުވިއެވެ.

"މި ނަންބަރުތައް އަދި މައްޗަށް އަރާނެ (އާންމުންނަށް) އިތުބާރު ލިބެން ފެށީމަ، އަހަރުމެން މަސައްކަތް ކުރަންވީ ރަނގަޅު ނޫން މައުލޫމާތާ ދެކޮޅަށް،"

ދަ ހިންދޫން ރިޕޯޓުކޮށްފައިވާ ގޮތުގައި ވެކްސިން ޕްރޮގްރާމްގައި ބައިވެރިވުމަށް ޓަމިލް ނާޑޫ އިން ނުކުތީ އެންމެ 16 އިންސައްތަ މީހުންނެވެ.

ހަރްޔާނާ ސްޓޭޓްގައި ހުރި ޑޮކްޓަރަކާ ހަވާލާދީ ރޮއިޓާސް އިން ބުނި ގޮތުގައި އެ ސްޓޭޓުން ވެކްސިން ޖެހުމަށް ނުކުމެފައި ވަނީ 100 މީހުންގެ ތެރެއިން 29 މީހުންނެވެ.

"މީހުން ވަރަށް ބިރުން އުޅެނީ. އަހަރުމެންނަށް މަޖުބޫރެއް ނުކުރެވޭނެ ވެކްސިން ޖަހާކަށް. މިއީ ވޮލަންޓިއަކޮށް ކުރާ ކަމެއް،" ޑޮކްޓަރު ވިދާޅުވިއެވެ.

އިންޑިއާގައި ވެކްސިން ޕްރޮގްރާމް ފެށި އިރު، އެ ގައުމަކީ ދެ ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ގައުމެވެ. އެ ގައުމުން މިހާތަނަށް 10.5 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެ އެއް ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިންޑިއާ އިން އުފެއްދި ވެކްސިނަށް ދީފައިވާ ނަމަކީ ކޮވިޝީލްޑެވެ. އެ ވެކްސިނަކީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް-އަސްޓްރާޒެނެކާ ކުންފުނިއާ އިންޑިއާ ކުންފުންޏަކާ ގުޅިގެން އުފެއްދި ވެކްސިނެކެވެ. އަދި އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށް އިންޑިއާގެ ވެކްސިން ޑެވެލޮޕާ ބާރަތް ބަޔޯޓެކް އިން އުފެއްދި ކޯވެގްޒިން ވެކްސިން ޖަހަންވެސް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އާބިދާ

  ގެރީގެ ކުޑަކަމުދާ އެއްޗެހިން އުފެއްދި ވެކްސިނަކުން ވާނެފައިދާ ތިވަނީ

  34
  3
 2. ހުސްނޫނު

  ތިކަމާއެއްޗެކޭނުބުނާނަން.. ދެރަވަރުގެކަމެއް އަދި ބިރުވެރިކަމެއް. އިންޑިއާގަ ތިވެކްސިންޖެހިއަސް ދިވެހިންގެގަޔަށް ތިޔަވެކްސިންޖަހާކަށްނު ފެނޭ!! އެއީ ބިޔަ ބޮޑުއާބާދީއެއް...

  42
  1
 3. ކެޔޮޅު

  ތިޔަވެކުސިނުން ނާރުތަކުގެބާރު ކަނޑުވާލާ އުމުރަށްނުކުޅެދޭ މީހަކަށް ބަދަލުކޮށްލާ ތިޔައީ ދިވެހިން ގިނަދުވަސްތަކަކަށް އިންޑިއާއަށް ބޭސްފަރުވާކުރުމަށް ދިއުމަށް ބާރުއަޅާ ނުރަށްކާތެރި ވެކުސިނެއް ދިވެހިން ސަމާލުވޭ މިއޮތީ ޔެލޯ ސަމާލު ނެރެވިފަ ދިވެހިން ސަމާލުވޭ.

  47
  1
 4. ކަޅުބެ

  ނުކުޅެދޭ ސަރުކާރުން އިންޑިއާގެބާރުގައި ދިވެހިން ނުކުޅެދޭބަޔަކަށް ހެދުމަށް ސޯލިހު ތިކުރާމަސަށްކަތުގެ އަދަބުލިބެންޖެހޭނެ ގާނޫނުގައި ވާގޮތުން އަދަބުލިބޭނެ .

  43
  1
 5. Anonymous

  ވަރަށް ދެރަ، އޭގެ ލެބޯޓަރީ ޓެސްޓް ކަންނޭނގެ ރާއްޖޭގައި ކުރިއަށް ގެންދަން އެއުޅެނީ. މި ގައުމު ހިންގން ތިބި ބަޔަމ
  ބަޔަ ކަށް ހެޔޮވިސްނުން ދެއްވާންދޭވެ!!!!

  12
 6. ހުސޭނުބޭ

  ސޯލިބޭ ދުޅަވަންދެން ތި ވެކްސިން ދީފައި ބާކީބައި ބުއްޅަބޭ ފޮއްސިވަންދެން ދީފައި ޓެސްޓްކުރޭ! އެ ދެމީހުން އައްދިޔޯތް ގޮވަން ފެށީމާ އަހަރެމެންނަށް އެއްޗެއްބުނަން އެނގޭނީ!

  15
 7. ނަނާ

  މޯދީއާ އަންނިއާ އިބޫ ތިޔަ ޖެހީމަ އަހުން ޖަހާނީ

  11
 8. Anonymous

  ވާގޮތް ބަލާފައި ނޫނީ ޖަހާކަށް ނުވާނެ.
  ރައީސް މެން ފުރުސަތު ލިބުނީމަ ވެސް ނުޖަހާނީ ކަމެއްވެނު. އިންޑިޔާ ވެކްސިން ޖަހައިގެން ބަޔަކު މަރުވިޔޭ ޚަބަރެއްގައި އޮތް.
  އެހެންވީމަ އަދި ތިޖަހާކަށް ނުވާނެނު.
  އިންޑިޔާ ރާއްޖޭއަށް މާހެޔޮއެދިގެން މިއުޅެނީ ކީއްވެ ބާ؟ އެހެން ޤައުމު ތަކަށްވެސް ވެކްސިން ދޭންވީނުންތަ. އެދުމެއްނެތި ވެދުމެއް ނުކުރާނެޔޭ ކިޔާ.

  10
 9. ފުތާބެއްޔާ

  އިންޑިޔާއިން ދިވެހިން ބޭނުންކޮށްގެން ހިންގާ ޓެސްޓް ޕުރަގުރާމުގެ ވެކުސިނެތް ޖަހައިގެން މީހަކު މަރުވިޔަސް އެޗްޕީއޭ އިން ބުނާނެ ތިހެން. މަރުވީ ވެކިސިން ޖަހައިގެން ނޫނޭ ފުރާނަ ގޮސްގެންނޭ މަރުވީ.

  11
 10. Anonymous

  ހަބަރު ލިޔުނު ފަރާތް ވާނުވާގަ.... ރާއްޖެ ގެންނަ ވެކްސިން އާއި އިންޑިއާގެ ރައްޔިތުންނަށް ޖަހާ ވެކްސިން މިއީ ދޭއްޗެއް

  2
  8