އެމެރިކާގެ އިންތިހާބީ ރައީސް ޖޯއި ބައިޑެން، ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ކުޑަތަންވެފައިވަނިކޮށް، އެ ގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އަނބިކަނބަލުން މެލޭނާ ޓްރަމްޕް ވައިޓް ހައުސް ދޫކޮށް ފުރައިފިއެވެ.

ޓްރަމްޕް ފުރާފައި ވަނީ ހެލިކަޕްޓަރުގައެވެ. އޭނާ ދަނީ ކައިރީގައި އޮތް އެންޑްރިވްސް ބޭސް އަށެވެ. އެތަނުގައި އޭނާ ވާހަކަދައްކާނެއެވެ. އަދި އޭނާ ދެން ސިފައިންގެ މަތިންދާ ބޯޓެއްގައި ފްލޮރިޑާއަށް ދަތުރު ފަށާނެ އެވެ.

އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި މިއަދު ބައިޑެން މަގާމާއި ހަވާލުވާއިރު، ޓްރަމްޕް އެ ރަސްމިއްޔާތުގައި ބައިވެރިނުވާނެ އެވެ. 1869 ވަނަ އަހަރުގެ ފަހުން އޭނައަކީ ހުވާ ކުރާ ރަސްމިއްޔާތުގައި ބައިވެރިނުވާ އެމެރިކާގެ ފުރަތަމަ ރައީސެވެ.

ބައިޑެން ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގަންނަވާނީ ރާއްޖޭ ގަޑިން މިރޭ 21:30 ގައެވެ.

ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ހުރިހާ ސަރަހައްދެއް އަދި ހާއްސަކޮށް ވޮޝިންޓަން ޑީސީގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެގޮތުން ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ވެސް ވަނީ 25000 ސިފައިން ނެރެފައެވެ.