ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މިއަދުވެސް އިތުރު 1،290 މީހަކު މަރުވެއްޖެއެވެ.

މިއަދު އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންނާއިއެކު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 94،580 އަށް އަރާފައި ކަމަށް ކޮވިޑް-19ގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގައުމުން މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގެ ތެރޭގައި މަރުވެފައިވަނީ އިއްޔެއެވެ. އިއްޔެ އެގައުމުން 1،820 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

މިއަދު އިނގިރޭސިވިލާތުން ވަނީ 37،892 މީހަކު ފައްސިވެފައެވެ. މިއާއި އެކީ އެގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 3،543،646 އަށް އަރާފައެވެ. އެގައުމުން އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގެ ތެރޭގައި ފައްސިވެފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 68،053 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ.

އިނގިރޭސިވިލާތުގައި އަދިވެސް ކޮވިޑް-19 ފެތުރުމަށް ބޮޑު މަޑުޖެހުމެއް އަންނަކަމަކަށް ތަފާސް ހިސާބުތަކަކުން ނުދައްކައެވެ. ނަމަވެސް ކޮވިޑް-19 ވެކްސިން ދޭ މީހުންގެ އަދަދު އެގައުމުގައި އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ.

އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 1،586،707 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު އެގައުމުން 1،862،359 މީހަކަށް ފަރުވާ ދެމުން އަންނައިރު، 3،953 މީހަކަށް ފަރުވާ ދެމުން އަންނަނީ ހާލު ބަލި ވެގެން ނުވަތަ އައިސީޔޫގައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން އުއްމީދު ކުރަނީ ކޮވިޑް-19 ވެކްސިން ދިނުމަށް މިހާރު ކުރެވެމުންދާ މަސައްކަތައް ބަލާއިރު ވަރަށް އަވަހަށް އެގައުމުގައި މިހާރު އަޅާފައި އޮތް ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިތައް ދެވޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ހާލަތު ގޯސްވެގެން ގޮސްފައި ވަނީ ވައިރަސްގެ އާވޭރިއަންޓްތަކެއް އެގައުމުގައި ފެތުރެން ފެށުމުންނެވެ. މިވޭރިއަންޓްތަކުގެ ސަބަބުން މާފަސޭހައިން ކޮވިޑް-19 އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު