ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 1،071 މީހުން މަރުވެއްޖެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގެ ތެރެއިން ކޮވިޑް-19 އެންމެ ހަލުވިކަމާ އެކު ފެތުރެމުން އަންނަ އެއް ގައުމަކީ ބްރެޒިލްއެވެ. ބްރެޒިލް އިން މިހާތަނަށް ބަލި ޖެހިގެން 215,299 މީހުން ވަނީ މަރުވެފައެވެ. ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ގިނަ ބަޔަކު ބަލީގައި މަރުވީ ބްރެޒިލުންނެވެ.

ބްރެޒިލް އިން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 55,319 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. އަދި މިހާތަނަށް އެ ގައުމުން 8,755,133 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. ބްރެޒިލްއަކީ ތިން ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ގައުމެވެ.

ބްރެޒިލުން ބަލި ޖެހުނު މީހުންގެ ތެރެއިން 7,594,771 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 945,063 މީހުންނެވެ. އަދި ސީރިއަސް ހާލަތުގައި 8,318 މީހުން އެބަތިބިއެވެ.

ބްރެޒިލްގެ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ބައެއް ގައުމުތަކުން މިހާރު ވަނީ އެ ގައުމަށް ވެކްސިން ފޮނުވަން ފަށައިފައެވެ. އޭގެ ތެރޭގައި ބޭހުގެ ސާމާނާއި ވެކްސިން އެންމެ ވަރުގަދަ އަށް އުފައްދަމުން އަންނަ އިންޑިއާ ވެސް ހިމެނެއެވެ.