ޒިމްބާބްވޭގައި ކޮވިޑް-19 ޖެހިގެން މަރުވި މިނިސްޓަރުންގެ އަދަދު ހަތަރަކަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ޒިމްބާބްވޭގައި ފާއިތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ތިން ވަޒީރަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

ޒިމްބާބްވޭގެ ރައީސް އެމާސަން ނަންގަގްވާ ވިދާޅުވީ އެ ގައުމުގެ ކޮންމެ ރައްޔިތަކަށް ވެސް ކޮވިޑް-19 ގެ ބިރުވެރިކަން ބޮޑު ކަމަށެވެ. އަދި މިކަމުން ސަލާމަތްކޮށްދޭނެ "ސުޕަ މޭނެއް" ނުވަތަ ސުޕަ ވުމަން"އެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޒިމްބާބްވޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވިފައި ނެތް އިރު، ހުރިހާ އެންމެން ވެސް ތިބީ މި ބައްޔަށް ހުށަހެޅިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ސަރުކާރުން ކޮވިޑް-19 ގެންގުޅެނީ ހަތިޔާރެއްގެ ގޮތުގައެވެ. އަދި ޒިމްބާބްވޭގައި ބަލި ފެތުރެމުން ދަނީ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނެތުމުން ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

އެމީހުން ބުނާ ގޮތުން ނަމަ، ސަރުކާރުގެ ހޮސްޕިޓަލްތަކަށް ގެންދާ މީހުންނަށް އޮކްސިޖަން ނުދެވޭ ވަރަށް ސިއްހީ ހާލަތު ދަށެވެ. އަދި ކޮވިޑް-19 ޖެހޭ ބައެއް މީހުން ފަރުވާ ހޯދަނީ އަގު ބޮޑު އަމިއްލަ ފެސިލިޓީތަކުން ކަމަށާއި އަނެއް ބަޔަކު ފަރުވާ ހޯދަން ބޭރަށް ފުރައިގެންދާ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ޒިމްބާބްވޭ އާންމު ހާލަތަކަށް ގެންދިއުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

ފަނަރަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޒިމްބާބްވޭ އިން 31،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި، 974 މީހުން ވަނީ މަރުވެފައެވެ.