މޫނު ބުރުގާއެޅުން މަނާކޮށް، ޑެންމާކްގައި އާއްމުން އެއްވާ ތަންތާގައި މޫނު ބުރުގާ އަޅައިގެން މޫނުނިވާކޮށްގެން ތިބޭ މީހުންގެ އަތުން ބޮޑު ޖޫރިމަނާއެއް ނަގަން އެޤަމުގެ ޤާނޫން ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ޑެންމާކްގެ ޤާނޫން ހަދާ މަޖިލީހުން މިއަދު ފާސްކުރި ބިލްގައިވަނީ މީހުން އެއްވެ އުޅޭ ތަންތާންގައި މޫނު މިވާކޮށްގެން އުޅުމަކީ މަނާކަމެއް ކަމުގަޔާއި އަދި މިފަދަ ގޮތަކަށް އުޅެނިކޮށް ފެނިއްޖެ މީހެއް 1,000  ކުރޯނާއިން ( 157 ޑޮލަރުން ) ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި އަދި މިކަން ތަކުރާރުވާނަމަ 10,000  ކުރޯނާއިން ( 1570 ޑޮލަރުން ) ޖޫރިމަނާ ކުރެވޭ ކަމަށެވެ.

މިބިލް ފާސްކުރުމަށް 75 މެންބަރަކު ވޯޓްދިންއިރު 30 މެންބަރަކު މިބިލް ފާސްކުރުމާ ދެކޮޅަށްވަނީ ވޯޓް ދީފައެވެ. މީގެ ކުރިން 2009 ވަނަ އަހަރުވެސް މޫނު ބުރުގާ އެޅުމާ ދެކޮޅަށް ބިލެއް އެޤައުމުގެ ޤާނޫން ހަދާ މަޖިލިސްއަށް ވެއްދި ނަމަވެސް އެފަހަރު އެބިލްވަނީ ފާސްވާ ގޮތް ނުވެފައެވެ.

ޑެންމާކްއިން ބުނެފައިވަނީ މިއީ އެއްވެސް ދީނަކަށް އަމާޒުކޮށްގެން ހަދާފައިވާ ޤާނޫނެއް ނޫންކަމަށާއި ޑެންމާކްގެ ޘަޤާފަތް އެކަމަށް ތަން ނުދޭތީ ހަދާފައިވާ ޤާނޫނެއް ކަމަށެވެ. މިޤާނޫނަށް އަމަލު ކުރަން ފަށާނީ މިއަން އޯގަސްޓް މަހުން ފެށިގެންނެވެ.

ޔޫރަޕްގެ އިތުރު ޤައުމުތަކުގައިވެސް މޫނު ބުރުގާ އެޅުމަކީ މަނާކަމެއް ކަމުގައި ނިންމާފައިވާއިރު، ފުރަތަމަ ފަހަރަށް މިފަދަ ނިންމުމެއް 2009 ވަނަ އަހަރު ނިންމާފައިވަނީ ފުރާންސްއިންނެވެ. އަދި އެއާ ޖެހިގެން މޫނު ބުރުގާ އަޅަން މަނާ ކުރި ޤައުމަކީ ބެލްޖިއަމްއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިއީ މިރާއްޖޭގައިވެސް މަނާކުރަންޖެހޭކަމެއް. ރައީސް މައުމޫންއިރު މަނާކަމެއް. މިހާރު ޑިމޮކްރެސީގެ ނިވަލުގައި ތިބެގެން ހައްދުފަހަނައަޅާ ދަނީ. ޑެންމާކުގެ ނިންމުމަށް ވަރަށް ހޫނުމަރުހަބާއެއްކިޔަން. ޑެންމާކާއި ފްރާންސް އެއީ ނަމޫނާއެއްކަމަށް ބަލަން ގޮވާލަން.