މިވަގުތު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑު ކަމުން އަރައިގަންނަން އަދި ދެ އަހަރު ނަގާނެ ކަމަށް ކަމުގެ މާހިރުން ބުނެފިއެވެ.
"ސްކައިނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ލަންޑަން ސްކޫލްގެ ގްލޯބަލް ހެލްތް ޕޮލިސީގެ އެސިސްޓެންޓް ޕްރޮފެސަރ ޑޮކްޓަރ ކްލެއާ ވެންހަމް ވިދާޅުވެފައި ވަނީ ދުނިޔޭގެ މީހުން ކުރިން އުޅުނު ގޮތަށް ހަމަ ޖެހިލައިގެން އަދި ނޫޅެވޭނެ ކަމަށާއި މިކަމުން އަރައިގަތުމަށް 2 އަހަރު ނުވަތަ 3 ވަރަކަށް އަހަރު ނަގާފާނެ ކަމަށެވެ. އެއީވެސް ބަލި ފެތުރޭ މިންވަރާއި ކޮންޓްރޯލް ކުރެވޭ މިންވަރަށް ބަލާފައި ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އޭނާ ވިދާޅުވީ، މި ބަލި މަޑުކަން ނިންމާލެވޭނީ ދުނިޔޭގެ އާބާދީ ސަލާމަތް ކޮށްގެން ކަމަށެވެ.
"މިހާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވެކްސިން މުޅި ދުނިޔެއަށް ބަހާ ނިމޭއިރު 2023/24 ވެދާނެ. މިއީ ވަރަށް ދިގު މުއްދަތެއް. މިވަގުތުން ފެށިގެން ހަލުވި ކަމާއި އެކީ ފޯރުކޮށްދޭން ފަށައިފިނަމަ ތަންކޮޅެއް އަވަހަށް މިކަމުން އަރައިގަނެވިދާނެ" އޭނާ ވިދާޅުވެފައި ވެއެވެ.
ވެކްސިން ދިނުމުގައި ލަސްތަކެއް ހުރިކަން އޭނާ ފާހަގަ ކުރެއްވިއިރު، އިނގިރޭސިވިލާތުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އިއްޔެ އާއި ހަމައަށް ހަތް މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައެވެ. އެކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ފާހަގަކޮށް ވަނީ ވެކްސިން ދިނުން އެގައުމުގައި ހުއްޓާލަން ގޮވާލާފައެވެ. އެއީ ފަގީރު ގައުމުތަކަށް އަދި ވެކްސިން ފޯރު ކޮށްދެވިފައި ނުވާތީއެވެ.
"މި ބަލި މަޑުކަމުން އަރައިގަނެވުނު ކަމަށްވާނީ މުޅި ދުނިޔެއިން މި ބަލި ނެތިގެން ދިއުމުން" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވެކްސިން ޖެހި ކަމުގައި ވިއަސް މުޅި ދުނިޔެއަށް ވެކްސިން ޖެހެންދެކަށް އުޅެން ޖެހޭނީ އަބަދުވެސް ކޮންމެވެސް އެއް ކަމެއް މަނާ ކޮށްފައި އޮންނަ އުސޫލެއްގެ ތެރެއިން ކަމަށެވެ. އެގޮތުން އޭނާ ވަނީ ބައެއް ގައުމުތަކުގައި ދަތުރުފަތުރު ކުރުމުގެ އުސޫލުތަކާއި ބޯޑަރު ކޮންޓްރޯލް ތައް އެކުލަވާލާފައިވާ ކަން ހާމަ ކޮށްފައެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ހަތް ހެއްތި.
1. ރާ ނުބޯހެއްތި.
2. މަސްތުވާތަކެތި ނުނަގާހެއްތި.
3. ދުންފަތުގެ އިސްތިއުމާލު ނުކުރާހެއްތި.
4. އޫރުމަސް ނުކާހެއްތި.
5. ބަދުއަޚުލާޤީ ޢަމަލު ނުހިންގާހެއްތި.
6. ނޭފަތާއި ކަރުތެރެ ސާފުކޮށްގެން ވުޟޫކުރާހެއްތި.
7. ޠާޢޫނު ބަލިން ސަލާމަތްވުމުގެ ފިޔަވަޅުތަކާ ތަބާވާހެއްތި.