މީސް މީޑިއާ (ސޯޝަލް މީޑިޔާ) ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމަށް އެފްރިކާގެ ގައުމެއް ކަމަށްވާ ޔޫގަންޑާ އިން ގާނޫނެއް ފާސްކޮށްފިއެވެ.

މިގާނޫނުގެ ދަށުން ފޭސްބުކް، ޓްވިޓަރ، ވަޓްސްއަޕްފަދަ މީސް މީޑިއާގެ ވަސީލަތްތައް ބޭނުންކުރާ ފަރާތްތަކުގެ އަތުން ޔޫގަންޑާގެ ފައިސާއިން ކޮންމެ ދުވަހަކަށް 200 ޝިލިންގްސް ނެގުމަށް ހަމަޖެހިފައިވެއެވެ.

އަދި ގާނޫނަށް ގެނައި މިބަދަލުތަކަށް އަންނަ ޖުލައިމަހު ފެށޭ މާލީ އާ އަހަރުން ފެށިގެން އަމަލުކުރަން ފެށުމަށްވެސް ވަނީ ނިންމާފައެވެ.

ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން އެގައުމުގެ ގާނޫނުހަދާ މަޖިލީހުން މިގާނޫން ފާސްކުރިއިރު މިގާނޫނާ ދެކޮޅު ފަރާތްތަކުން ބުނަނީ، މިއީ، ރައީސް ޔޫވެރީ މުސެވިނީއާ ދެކޮޅު ޝުއޫރުތައް މީސް މީޑިއާގައި ފެތުރުން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ.

މީސް މީޑިއާ ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓެކްސް ނަގާނަމަ، އެއިން ކޮންމެ މީހަކު އަހަރެއްގެ މައްޗަށް 19 އެމެރިކާ ޑޮލަރު ދައުލަތަށް ދައްކަންޖެހޭނެއެވެ.

615 އެމެރިކާ ޑޮލަރު ޔޫގަންޑާގެ ޖީޑީޕީން ބޮލަކަށްޖެހެނީ ކަމަށް 2016 ވަނަ އަހަރު ވޯލްޑް ބޭންކުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

މީސް މީޑިއާ ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ، މޮބައިލް ޚިދުމަތްދޭ ފަރާތްތަކުން ދޫކުރާ ސިމްކާޑު ބޭނުންކޮށްގެން މީސް މީޑިއާގެ ވަސީލަތް ބޭނުންކުރާ ކޮންމެ ދުވަހަކަށް ޓެކްސްނަގާ އުސޫލުންނެވެ.

މީސް މީޑިއާ ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމަކީ ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ނިންމި ނިންމުމެއް ކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

2016 ވަނަ އަހަރު ޔޫގަންޑާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ތެރޭގައި އެގައުމުގެ ސަރުކާރުންވަނީ، ފޭސްބުކާއި، ޓްވިޓަރ އަދި ވަޓްސްއަޕްވެސް ބްލޮކްކޮށްފައެވެ.

އާބާދީގައި ހިމެނޭ 40 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް ސާޅީސް އިންސަތަ މީހުން އިންޓަރނެޓް ބޭނުންކުރާ ކަމަށް، ޔޫގަންޑާގެ ކޮމިއުނިކޭޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދުއްލާ

    ކުރަންޖެހޭ ކަމެއް .މިރާއްޖޭގަވެސް ތިޔަކަން ކުރަން ފެނޭ .އެއީ އަތުގަ ފައިސާގިނަވެ އިންޓަރ ނެޓަށް ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރާމީހުނާ ބޭނުންވާ ތަކެތި އަމިއްލަޔަށް އިމްޕޯޓް ކޮށްގެން ދަވްލަތަށް އެއްވެސް ޓެކްސް އެއް ނުދައްކާ މީހުންވެސް މަދެއްނޫން .ވީމާ ގާނޫނަކުން މިޓެކްސް ތައާރަފް ކުރަން ފެނޭ