ކޮވިޑް-19ގެ އާ ވައްތަރުތަކަށް 600 އަށްވުރެ ގިނަ މީހުން ފައްސިވެފައިވާ ކަމަށް އެމެރިކާގެ ސެންޓަރ ފޯ ޑީޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައެވެ.

ސެންޓަރ ފޯ ޑީޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ވައްތަރުތަކަށް އެގައުމުގެ 33 ސްޓޭޓްއަކުން 618 މީހަކު ވަނީ ފައްސިވެފައެވެ.

އެގައުމުން ފެނިފައިވާ އާ ވައްތަރުތަކުގެ ތެރެއިން އިނގިރޭސިިލާތުން ފެނިފައިވާ B.1.1.7 އަކީ އެންމެ ނުރައްކާތެރި ކަމަށް އެގައުމުން ބުނާ ވައްތަރެވެ. މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީވެސް މި ވައްތަރަށެވެ. އެގޮތުން ފްލޮރިޑާގައި 187 އުޅޭއިރު ކެލިފޯނިއާގައި 145 ވޭދަނައެއް ވަނީ ފެނިފައެވެ.

މީގެއިތުރުން ދެކުނު އެފްރިކާއިން ފެނުނު ކަމަށް ބުނާ B.1.351 ވައްތަރަށްވެސް ދެކުނު ކެރޮލީނާއިންނާއި މެރީލޭންޑުން މީހުން ވަނީ ފައްސިވެފައެވެ. އަދި ބްރެޒިލް އިން ފެނުނު P.1 އަށްވެސް މިނެސޮޓާއިން މީހުން ވަނީ ފައްސިވެފައެވެ.

ސީޑީސީން ބުނެފައިވަނީ މިއީ ހަމައެކަނި އެންމެ ގިނަ މީހުންނަށް އެނގޭ 3 ވައްތަރު ކަމަށާއި މީގެ އިތުރުންވެސް އެގައުމުގައި ކޮވިޑް-19އެކި ވައްތަރުތައް އުޅޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތަށް އެގައުމުން ވައިރަސްގެ އެހެން ވައްތަރެއް އުޅޭކަން ފާހަގަ ކޮށްފައިވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން މިވަގުތު އަންނަނީ މި ބަލީގޭ އާ ވައްތަރުތައް ފެންނަމުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިވަގުތު ވެކްސިނެއް އުފައްދާފައިވާއިރު، ސައިންސްވެރިން ބުނެފައިވަނީ އަލަށް ފެންނަމުން އަންނަ ކޮވިޑް-19ގެ ވައްތަރުތަކަށް މިހާރު ހަދާފައިވާ ވެކްސިން މަސައްކަތެއް ނުކުރާނެ ކަމަށެވެ. އެހެން ކަމުން ސައިންސްވެރިންނާއި ގުޅިގެން ޑޮކްޓަރުން ވަނީ އާ ވައްތަރުތަކަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.