ފުލުހުންގެ އުޅަނދަކުން ޖައްސައި ކަޝްމީރުގެ ޒުވާނަކު މަރާލައިފިއެވެ.

އިންޑިއާއިން ވެރިކަން ކުރާ ކަޝްމީރުގެ ފަޅީގައި މުޒާހަރާ ކުރަމުން ދިޔަ މީހެއްގެ ގައިގައި ފުލުހުންގެ ޖިޕަކުން ޖައްސައި، މަރާލާފައި ވަނީ 21 އަހަރުގެ ޒުވާނެކެވެ.

މިއީ ކަޝްމީރުގައި މަހެއްގެ ތެރޭގައި ފުލުހުންގެ އުޅަނދަކުން ޖައްސައި މީހަކު މަރާލި ދެވަނަ ފަހަރެވެ.

މި ހާދިސާ ހިނގީ ހުކުރު ނަމާދަށް ފަހު ސްރީނަގަރުގެ މިސްކިތެއް ކައިރީ ބޭއްވި މުޒާހަރާއެއްގައެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ފުލުހުން ގަސްތުގައި އުޅަނދުން މީހުންގެ ގައިގައި ޖެއްސީއެވެ.

ނަމަވެސް އެ ހާދިސާ ހިނގީ އުޅަނދުގައި ތިބި ފުލުހުންނަށް މުޒާހަރާގެ ބައިވެރިން ހަމަލާދޭން ފެށުމުން، ފުލުހުން އަމިއްލަ ނަފްސު ރައްކާތެރިކުރަން އުޅުމުގެ ތެރޭގައި ކަމަށް އިންޑިއާގެ ފުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިން ކައިސަރު ބާތުގެ މަރާ ގުޅިގެން އިންޑިއާއިން ވަނީ ކަޝްމީރުގެ ސްރީނަގަރުގައި އިންޓަނެޓުގެ ހިދުމަތް ކަނޑާލައި ބައެއް ސަރަހައްދުތަކުގައި ކާފިއު އިއުލާންކޮށްފަ އެވެ.

ކަޝްމީރުގެ މައްސަލައިގައި އިންޑިޔާއާއި ޕާކިސްތާނާ ދެމެދުވެސް ޒަމާންވީ ދެބަސްވުމެއް އޮންނައިރު، މި އަހަރު ފެށުނީންސުރެ، ކަޝްމީރުގެ މަޝްރަހުވެސްވަނީ ހޫނުވެފައެވެ. ޚާއްޞަގޮތެއްގައި ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް އިންޑިޔާގެ ފައުޖުތަކުން ނުބައްދަލު ބާރުގެ ބޭނުންކުރަމުންދާކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ.

ބައިނަލްއަޤުވާމީ ޚަބަރުތައް ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ކަޝްމީރުގެ ދެކުނުގެ ސަރަޙައްދުތަކުން ފެށިފައިވާ މުޒާހަރާތައްވަނީ އެހެން ސަރަޙައްދުތަކަށްވެސް ފެތުރެން ފަށާފައެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނިކުންނަމުންދާކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

އަދި އެއެއްވުންތަކާ ގުޅިގެން އެސަރަހައްދުގައި ވަނީ ގިނަ އަދަދެއްގެ ފިހާރަތަކާއި ވިޔަފާރިތައް ބަންދުކޮށްފަ އެވެ

ކިޔުންތެރިންގެ ހިޔާލު