ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުކުރެވި ކޮވިޑްގެ ބާރުގަދަ ވައްތަރުތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ދާއިރު ރިޕޯޓްތައް ބުނާގޮތުން ކުރިން ކޮވިޑްގެ އަލާމާތުގެ ގޮތުގައި ނުބެލެވޭ ނުވަތަ ކުރިން ނުފެންނަ ބައެއް ކަންކަން މިހާރު ކޮވިޑް ޖެހޭ މީހުންގެ ކިބައިން ދަނީ ފެންނަމުންނެވެ.

ކޮވިޑް ފެތުރެން ފެށީއްސުރެ އެންމެ އާއްމުކޮށް ކޮވިޑް ޖެހޭ މީހުންގެ ކިބައިން ފެންނަ ތިން އަލާމާތުގެ ގޮތުގައި ޔޫކޭގެ ނޭޝަނަލް ހެލްތް ސާވިސް އިން ފާހަގަ ކުރަނީ ހުން އައުމާއި، ގަދައަށް ކެއްސުމުގެ އިތުރުން ރަހަ ނުލުން ނުވަތަ ވަސް ނުދުވުމެވެ. މިއީ ބަލިޖެހުމަށް ފަހު އެންމެ ކުރީކޮޅުގައި ފެންނަ އަލާމާތްތައް ކަމަށް ވެސް ރިޕޯޓްތަކުގައި ފާހަގަކޮށްފަައިވެއެވެ.

މިއީ އާއްމުކޮށް ބަލީގެ އަލާމާތުގެ ގޮތުގައި ބެލެވޭ ކަންކަމެވެ. ކޮވިޑް-19 ގެ ތަޖުރިބާކާރުންނާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ޝާއިއު ކުރި ލިޔުމެއްގައި ވަނީ މި ބަލި ފެންނަ މީހުންގެ ކިބައިން ކުރިން އާއްމުކޮށް ނުފެންނަ ބައެއް އަލާމާތްތައް މިހާރަކަށް އައިސް ފެންނަ ކަމަށް ބުނެފައެވެ.

އޭގެ ތެރޭގައި ކަރުތެރެ ދުޅަވުމާއި، މަސްތަކާއި ހުޅުހުޅުގައި ރިއްސުމާއި، ބޭރަށް ހިންގުން، ކޮންޖަކްޓިވައިޓިސް، ބޮލުގައި ރިއްސުން އަދި ހަންގަނޑުގައި ފިތްގަނޑުތަކެއް ނެގުމާއި، އަތާއި ފައިގެ އިނގިލިތަކުގެ ކުލައަށް ބަދަލު އައުން ހިމެނެއެވެ.

އެހެންކަމުން މިފަދަ އަލާމާތްތައް ފެންނަ ނަމަ ކޮވިޑް އަށް ޓެސްޓުކުރުމަށް އިންޑިއާ ފަދަ ގައުމުތަކުގައި މިހާރު ދަނީ އިރުޝާދު ދެމުންނެވެ.

ކޮވިޑް-19 ގެ ބައެއް އަލާމާތްތަކަކީ ރޯގާ އާއި ހުމާއި އެލާޖީ ފަދަ ކަންކަމާއި ދާދި އެއްގޮތް އަލާމާތްތަކަކަށް ވީ ނަމަވެސް މި ދުވަސްކޮޅު އެފަދަ އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ޓެސްޓުކުރުމާއި ބަލި ނުޖެހޭކަން ޔަގީން ނުވާ ނަމަ ވީހާވެސް ބޮޑަށް އެކަހެރިވެ އުޅުން މުހިންމެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަށާޖެހިއްޖެ

    އެހަކައްދުވަހު ވެކްސިންޖެހިފަހުން ތިހުރިހާ އަލާމާތްތަކެއް އެބަފެނޭ

  2. ނޫން

    ތިޔަ ކިޔާ ގިނަ ކަންކަން ކޮވިޑް ބަލީގެ އެންމެ ކުރީކޮޅުވެސް ބައެއް މީހުންނަށް ދިމާވާ ކަމަށް ބައްޔާބެހޭ ސައިންޓިފިކް އެކި ލިއުންތަކުގައި ލިއެފައިވޭ. އެކަމު ދުނިޔެ މާބޮޑު ސަމާލުކަމެއް އެކަންކަމަށް އެއިރަކު ނުދޭ. ބެލެވޭ ގޮތުން އެއީ ޗައިނާއިން ދެއްކި ވާހަކަތަކެއް ކަމަށްވީތީ ވީގޮތެއް. އެމީހުން ބަލީގެ ކުރީކޮޅު ބަލިދެނެގަންނަން ޓެސްޓްކުރުން ގިނަކުރަން އެކި ކަހަލަ ވަސީލަތްތައް ބޭނުންކޮށްފައިވޭ. އެކަމު ދުނިޔެ އަޑުއަހަމުން ދިއައީ ބޮޑަށް ޑަބްލިއޫއެޗްއޯ ބުނި އެއްޗެއް. ބަލީގެ ކަންކަމުގެ އެންމެ ތަޖުރިބާހުރި ގައުމުގެ މީހުންގެ އަޑު ތަންކޮޅެއް މަޑުކޮށްފަ ބޭއްވުމުން، ބަލީގަ މަދުން ފެންނަ އަލާމާތްތަކަށް އަޅާނުލެވުމުގެ ސަބަބުންވެސް ދުނިޔޭގައި ބަލި ފެތުރުން އިތުރުވެގެން ގޮއްސަ ހުންނާނެ.