ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 3،075 މީހުން މަރުވެއްޖެއެވެ.

ދުނިޔޭގެ ކޮވިޑް-19 އެންމެ ހަލުވިކަމާ އެކު ފެތުރެމުން އަންނަ ގައުމުތަކުގެ ތެރޭގައި އެމެރިކާއަކީ މިހާތަނަށް މި ބަލި ޖެހިގެން އެންމެ ގިނަ ބަޔަކު ފައްސިވެ، އަދި މަރުވެފައިވާ ގައުމެވެ. އެގޮތުން އިއްޔެ މަރުވި މީހުންނާ އެކު، އެ ގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 486,929 އަށް އަރައިފައެވެ. އަދި އިތުރު 105،013 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 28,003,772އަށް އަރައިފައެވެ.

އެމެރިކާގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ކޮވިޑް-19 ބަލީގައި މަރުވެފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު އެގައުމުން 4،482 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

އެމެރިކާގައި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް އައިއިރު ރަނގަޅުވެފައި ވަނީ 17,932,112 މީހުންނެވެ. އަދި މި ބަލީގައި 9,584,731 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 20,407 މީހަކު ތިބީ ސީރިއަސް ހާލަތުގައެވެ.

އެމެރިކާގައި ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެގައުމުން އަންނަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށާފައެވެ. އެހެން ނަމަވެސް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދަނީ ހީކުރި ވަރަށްވުރެން ލަސްކޮށް ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެމެރިކާ ހިމެނޭހެން ދުނިޔޭގެ 219 ގައުމަކާއި ސަރަހައްދަކުން ކޮވިޑް-19 ޖެހިގެން މިހާތަނަށް 108 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ތެރެއިން 2 މިލިއަނަށްވުރެ ގިނަ މީހުން ބަލި ޖެހިގެން މަރުވެފައިވާއިރު، 80 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު