އުމްރާގެ އަޅުކަން އަދާކުރުމުގެ ނަމުގައި ސައުދީ އަރަބިއްޔާ އަށް ދަތުރުކުރި ގްރޫޕަކުން އެގައުމުގެ ބަޔަކާއި ވެސް ގުޅިގެން ގިނަ އަދަދެއްގެ ރަން ވަގަށް ނަގައި އެތަކެތި ބޭރުކޮށް އަދި މަނީ ލޯންޑްރިންގެ އަމަލުތައް ހިންގަމުން ގެންދަނިކޮށް އަތުލައިގަނެފިއެވެ.

ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެގައުމަށް އެތެރެވި އެހެން ގައުމަކަށް ނިސްބަތްވާ "ގޭންގަކުން" 19 ކިލޯގެ ރަން ވަގަށް ނަގައިގެން އެތަކެތި ބޭރު ކުރަން އުޅެނިކޮށް އަތުލައިގަނެ އެމީހުންނާއި އަދި ސައުދީ އަރަބިއްޔާ އިން އެގޭންގާއި ބައިވެރިވި މީހުންގެ މައްޗަށް ޝަރީޢަތް ހިންގާފައިވާ ކަމަށެވެ.

އުމްރާގެ އަޅުކަން އަދާކުރުމުގެ ނަމުގައި ސައުދީ އަރަބިއްޔާއަށް އެތެރެވެ ވައްކަން ކުރި މީހުން ނިސްބަތްވާ ގައުމެއް ސައުދީ އަރަބިއްޔާގެ ސަރުކާރުން ހާމައެއް ނުކުރެއެވެ. އަދި އެމީހުންގެ އަދަދެއް ވެސް ހާމައެއް ނުކުރެއެވެ.

ސަރުކާރުގެ އޮފިޝަލުން ހަމައެކަނި ވިދާޅުވީ މިވައްކަމުގައި ބައިވެރިވި މީހުންގެ މައްޗަށް 64 އަހަރުގެ ޖަލު ޙުކުމް އައިސްފައިވާ ކަމަށާއި އެމީހުން ކުރި ވައްކަމުގެ އަގު 17 މިލިއަން އެމެރިކާ ޑޮލަރު (261 މިލިއަން ރުފިޔާ) އަށް އަރާ ކަމަށެވެ. އަދި އެމީހުން ވަނީ ޤާނޫނާއި ހިލާފަށް 133 މިލިއަން އެމެރިކާ ޑޮލަރު ޓްރާންސްފާ ވެސް ކޮށްފައެވެ. އެއީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އުމްރާ އާއި ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަމުގައި ސައުދީ އަރަބިއްޔާ އަށް ދަތުރުކުރާ ބައެއް މީހުން ވައްކަން ކޮށްގެން މީގެ ކުރިން ވެސް އަތުލައިގެންފައި ވެއެވެ. ނަމަވެސް މިފަދަ ބޮޑު ވައްކަމެއްގައި އެފަދަ ބަޔަކު އަތުލައިގަތުން މިއީ ވަރަށް ނުވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    ބޮޑުކަންނެލީގެ މަސްވެރިކަމުގެ ނަމުގައި އެފަދަަ މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ރާއްޖޭގެ ސަރަހައްދާއި މާ ދުރުނޫން ހިސާބަށް ނިކުމެ ރާއްޖޭގެ ބައެއް މީހުން ބޮޑެތި ބަންޑެލިތަކުގެ ޑްރަގްވެސް ރާއްޖެވައްދާފައި ވެއެވެ. އެމީހުން އެކުރާ ކަންކަން ފަޅާއަރަނީ މަދުފަހަރަކުއެވެ. ބައެއްމީހުން އެތަކެތި ވިއްކައިގެން މަހުޖަނުންނަށް ވެފައި ވެއެވެ. އަތުލެވޭ މީހުންގެ މައްޗަށް ކުށް ސާބިތުވަނީ މަދުފަހަރަކުއެކެވެ. ސައުދީގައި އެކުރީ އެފަދަ ވިޔަފާރިއެކެވެ.

    12