ކޮވިޑް-19 އިން ރައްކާތެރިވުމަށް ޗައިނާ އިން އުފެއްދި ސިނޯފާމްގެ 200،0000 ޑޯޒް ޒިމްބާބްވޭ އަށް ލިބިއްޖެއެވެ.

ޒިމްބާބްވޭގެ ރައީސް އެމަސަން ޑަމްބަޑްޒޯ މުނަންގާގުވާ ޓުވިޓާގައި ވިދާޅުވީ މި ވެކްސިން ޑޯޒްތައް އެގައުމުގައި މި ހަފްތާގައި ދޭން ފަށާނެ ކަމަށެވެ.

"ފުރަތަމަ ބެޗްގެ ވެކްސިން ކާމިޔާބު ކަމާއެކު ޒިންބާބްވޭއަށް ލިބިއްޖެ. ގައުމުގެ ރައްޔިތުންނަށް އަހަރުމެން ވެކްސިން ޖަހަން މި ހަފްތާގައި ފަށާނަން. ވައިރަސް އިން އަހަރުމެންގެ ގައުމު ރައްކާތެރިވެވުނު އަވަހަކަށް ޒިމްބާބްވޭގެ އިގްތިސާދު ރަނގަޅު ކުރެވޭނީ" އޭނާ ވިދާޅުވިއެވެ.

އިންފޮމޭޝަން މިނިސްޓަރ މޮނިކާ މުޓްސްވަންގުވާ މިދިޔަ ހަފްތާގައި ވިދާޅުވީ މާޗް މަހުގެ ކުރީ ކޮޅުގައި އިތުރު 600،000 ޑޯޒް ލިބޭނެ ކަމަށެވެ.
ޒިމްބާބްވޭގެ ނައިބް ރައީސް ކޮންސްޓެންޓިނޯ ޗިވެންގާ ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުންދާ މީހުންނަށް ކަމަށެވެ.
ޒިމްބާބްވޭގައި މިހާތަނަށް ކޮވިޑް-19 ގެ 35،000 ވޭދަނައެއް ފެނިފައިވާ އިރު، އެ ގައުމުން 1،400 މީހުން މަރުވެފައިވެއެވެ.