ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މަރުވި މީހުންގެ އަދަދު ބައި މިލިއަނަށް އަރައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް އެމެރިކާ އިން ވަނީ 505,309 މީހަކު މަރުވެފައެވެ. މިހާތަނަށް އެމެރިކާ އިން 28.5 މިލިއަން މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މުޅި ދުނިޔެ އިން ވެސް އެންމެ ގިނަ ބަޔަކު ކޮވިޑްއަށް ފައްސިވެފައި ވަނީ އަދި ކޮވިޑް ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ ވެސް އެމެރިކާ އިންނެވެ. ނަމަވެސް ޖަނަވަރީ މަހު މާސްކް އެޅުން މަޖުބޫރު ކުރުމުންނާއި އަދި ވެކްސިން ޖެހުން ވަރަށް ބޮޑަށް އިތުރު ކޮށްފައި ވާތީ އެމެރިކާ އިން ކޮވިޑަށް ފައްސިވާ މީހުންނާއި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.

ޖަނަވަރީ މަސް ފެށުނުއިރު އެމެރިކާގައި ކޮންމެ ދުވަހަކު ކޮވިޑަށް ފައްސިވާ މީހުންގެ އެވްރެޖް އަދަދު ހުރީ 250000 ގައެވެ. ނަމަވެސް މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އެވްރެޖް އަދަދު ވަނީ 79000 އަށް ދަށްވެފައެވެ. ޖަނަވަރީ މަހުގެ ފަހުކޮޅު ވެސް ބައެއް ދުވަސް ދުވަހު ހަތަރު ހާހަހަށްވުރެ ގިނަ މީހުން އެމެރިކާ ކޮވިޑްގައި މަރުވެފައި ވެއެވެ. އިއްޔެ ކޮވިޑް ޖެހިގެން އެމެރިކާ އިން މަރުވެފައި ވަނީ 2500 މީހުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައި ވަނީ މިއަހަރުގެ މެދާއިހަމައަށް ދާއިރު އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދެވޭވަރަށް އެމެރިކާ އަށް ވެކްސިން ލިބޭނެ ކަމަށެވެ. އެހެންކަމުން އެމެރިކާ އިން އުއްމީދު ކުރަނީ މިއަހަރުގެ ފަހު ކުއާޓާއަށް ދާއިރު އެމެރިކާގެ ހާލަތު ރަނގަޅު ވެގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު