ސްރީލަންކާ އިން އިންޑިއާއާއެކު އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ބަލައި ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޙާން އެގައުމުގެ މަޖިލީހުގައި ދެއްވަން އުޅުނު ތަގުރީރު ނުބާއްވަން ނިންމައިފިއެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު މިއަދުގެ ވަގުތެއްގައިވަނީ ލަންކާއަށް ވަޑައިގެންފައެވެ.

ލަންކާއަކީ އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ގައުމަކަށްވާ އިރު، އެގައުމުގެ މަޖިލީހުގައި އިމްރާން ކަޝްމީރުގެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދެއްކި ނަމަ އިންޑިއާއާ އޮންނަ ގުޅުން ކެނޑިގެންދާނެ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. އިމްރާންގެ ތަގުރީރުގައި ކަޝްމީރުގެ މައްސަލާއާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އޮތީ ހަމަޖެހިފައެވެ. އެހެން ކަމުން އެގައުމުން ނިންމާފައި ވަނީ މުހިންމު ނިންމުމެއް ކަމަށް އިންޑިއާއިން ދެކެއެވެ.

ލަންކާގެ ސަރުކާރުން ޗައިނާ އަށް ދަރާފައިވާ އިރު، އިންޑިއާއިން އަންނަނީ އެކަން ފޫބައްދައި ދިނުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިންޑިއާއިން އަންނަނީ މި ދަނޑިވަޅުގައިވެސް ލަންކާއަށް ކޮވިޑް-19ގެ ވެކްސިން ހަދިޔާ ކުރަމުންނެވެ. މިހާތަނަށް އިންޑިއާއިން ވަނީ ލަންކާއަށް ކޮވިޑްގެ 500,000 ޑޯޒު ހަދިޔާ ކޮށްފައެވެ.

އިމްރާން ޚާން ލަންކާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅަކީ 2018 ވަނަ އަހަރު އޭނާ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން އެގައުމަށް ޒިޔާރަތް ކުރައްވާ ފުރަތަމަ ފަހަރެވެ.

އިންޑިއާއިން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އިސްލާމް ދީނާއި ގުޅުވައިގެން ވާހަކަ ދެއްކުމުން މުސްލިމުން ނުކުމެ ހަމަނުޖެހުން ހިންގުމަށް ގޮވާލާފައެވެ. އެހެން ކަމުން އެފަދަ ކަންކަމާއި ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކައިފިނަމަ، ލަންކާއާއި އިންޑިއާއި ދެމެދު އޮންނަ ގުޅުން ހީނަރުވެގެން ދާނެ ކަމަށް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މީގެ އިތުރުން މި މަހުގެ ކުރީކޮޅު ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ހަށިތައް އެންދުން ހުއްޓާލުމަށް އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވިދާޅުވުމުން އެކަމަށްވެސް އިމްރާން ޙާން ވަނީ މަރުހަބާ ވިދާޅުވެފައެވެ. ބޮޑުވަޒީރު އިމްރާން ޚާން ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެކަން ހާމަ ކުރައްވާފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު