ކޮވިޑް-19 އަށް މުޅި ދުނިޔެ އިން ފައްސިވާ މީހުންގެ އެވްރެޖް އަދަދު ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ދުވަހުން ދުވަހަށް ދަށަށް ދިއުމަށް ފަހު މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.

ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު ދުނިޔެ އިން ކޮވިޑަށް ހަތް ދުވަހުގެ ތެރޭގައި ފައްސިވި މީހުންގެ އެވްރެޖް އަދަދު ހުރީ 742000 ގައެވެ. ހަތް ދުވަހުގެ އެވްރެޖް އަދަދު ދަށަށް ދަމުން ގޮސް މިމަހުގެ 19 ވަނަ ދުވަހު ހަތް ދުވަހުގެ އެވްރެޖް 361000 އަށް މަދުވިއެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު އިތުރުވެ އިއްޔެގެ އަދަދުތަކަށް ބަލާއިރު ހަތް ދުވަހުގެ އެވްރެޖް ހުރީ 382000 ގައެވެ.

މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށާފައިވާއިރު އެމެރިކާގެ ހާލަތު އަނެއްކާވެސް ގޯސްވަމުންދާ ކަމުގެ ނިޝާންތައް އަންނަނީ ފެންނަމުންނެވެ. އެމެރިކާ އިން ފައްސިވާ މީހުންގެ އަދަދު މިހަފްތާގައި ވަނީ %2.4 މިދިޔަ ހަފްތާ އާއި އަޅައި ބަލާއިރު އިތުރުވެފައެވެ. ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އެމެރިކާގައި ވެސް އަންނަނީ މަދުވަމުންނެވެ.

އެމެރިކާ އިން ކޮވިޑް ވެކްސިން ދިން މީހުންގެ އަދަދު މިހާރު ވަނީ 66 މިލިއަނަށް އަރާފައެވެ. ނަމަވެސް ފިނި މޫސުމުގެ ސަބަބުން ސްނޯ ފައިބާ ބައެއް ސްޓޭޓްތަކުގެ ހާލަތު ގޯސްވެ ދަތުރުފަތުރަށް ހުރަސް އެޅިފައި ވާތީ ވެކްސިން ފޯރުކޮށްދިނުމަށް ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ.

މުޅި ދުނިޔެއަށް ބަލާއިރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް މިހާރު ބަލި ޖެހިފައި ތިބި މީހުން ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު އަންނަނީ ދަށްވަމުންނެވެ. އެކްޓިވް ކޭސްތަކުގެ އަދަދު އެންމެ ގިނަވީ ޖަނަވަރީ 31 ވަނަ ދުވަހު އެވެ. އެދުވަހު 23.8 މިލިއަން މީހުން ބަލި ޖެހިފައި ތިއްބެވެ. ނަމަވެސް އިއްޔެ އާއި ހަމައަށް އައިއިރު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 21.8 މިލިއަނަށް މަދުވެފައެވެ.

ހާލުބޮޑުވެގެން ފަރުވާދޭ މީހުންގެ އަދަދު ވެސް ޖަނަވަރީ 20 ވަނަ ދުވަހު 112000 އަށް އެރުމަށްފަހު އިއްޔެ އާއި ހަމައަށް އެއަދަދު ވަނީ 91417 އަށް މަދުވެފައެވެ.

ކޮވިޑް ވެކްސިން ދިނުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ވަރަށް ހަލުވިކަމާއިއެކު ކުރިއަށް ދިޔަ ނަމަވެސް އަދި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ހަތަރު ވަރަކަށް މަސްދުވަސް ނެގުން އެކަށީގެންވާ ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު