ކޮވިޑް-19ގެ އާ ވައްތަރުތައް ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަމުންދާ މި ދަނޑިވަޅުގައި އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އިތުރު އިންޒާރެއް ދީފިއެވެ.

ސީޑީސީގެ ޑިރެކްޓަރ ޑރ. ރޮޗެލް ވަލެންސްކީ ބުނީ، ކޮވިޑް-19ގެ އާ ވައްތަރުތަކުގެ ސަބަބުން މި ބައްޔާއި ބެހޭ ގޮތުން މިހާތަނަށް އެ ބޭފުޅުން ހޯދި ހޯދުންތައް ފޮހެވިގެން ހިނގައިދާނެ ބިރު މިހާރު އެބަ އޮތް ކަމަށާއި އެކަމަށް އެންމެންވެސް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

ސީޑީސީން އެގޮތަށް ބުނެފައިވަނީ ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާގެ އެކި ހިސާބުތަކުން ކޮވިޑް-19ގެ އެކި ވައްތަރުތައް ފެންނަމުން އަންނާތީއެވެ. އެގޮތުން މިހާތަނަށްވެސް ކޮވިޑްގެ 3 ވައްތަރެއް އެގައުމުން ވަނީ ފެނިފައެވެ.

"މިދާ ރޭޓުން ބަލީގެ އާ ވައްތަރުތަކުގެ ވޭދަނަތައް ފެންނަ ކަމުގައިވާނަމަ އަޅުގަނޑުމެން މީގެ ކުރިން ކޮށްފައިވާ ކަންކަމާއި ހޯދި ކާމިޔާބުތައް ގެއްލިގެން ގޮސްދާނެ" ޑރ ރޮޗެލް ބުންޏެވެ.

އޭނާ ބުނީ، އާންމުކޮށް ބަލި ޖެހިގެން މީހުން މަރުވާ ރޭޓަށްވުރެ 2 ގުނަ މިހާރު އިތުރުވެފައިވާ ކަމަށާއި އެގޮތުން ދުވާލެއްގެ މައްޗަށް މިހާރު 2000 އެއްހާ މީހަކު ބަލީގައި މަރުވަމުން އަންނަ ކަމަށެވެ. އެހެން ކަމުން އޭނާ ވަނީ އެގައުމުގެ ބައެއް ސްޓޭޓްތަކަށް ފިޔަވަޅުތަކަށް ދީފައިވާ ލުއިތައް އުވާލައި ހަރުކަށި ކުރުމަށް އިލްތިމާސް ކޮށްފައެވެ.

އޭނާ ބުނީ، މިހާލަތުގައި އެންމެންވެސް މާސްކު އަޅައި ގައިޑްލައިންސްތަކަށް ބަލައިގެން އުޅެން ޖެހޭ ކަމަށާއި މި ބަލި މަޑުކަމުން އަރައިގަތުމަށް ވެކްސިން ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    މިދިވެހި ގައުމުގެ ސަރުކާރުވެސް ބަލަނީ ބަލި ފެތިރޭތޯ.

    6
    1