އަވައްޓެރި ސްރީލަންކާގައި ހަލުވިކަމާއި އެކު ހުމެއް ފެތުރެމުންދާ ކަމަށާއި، އެކަމަށް ސަމާލުވެތިބުމަށް އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.

މިކަމާއި ގުޅިގެން މީޑިއާތަކާއި މަޢުލޫމާތު ޙިއްސާކުރަމުން އެމްބިލިޕިޓިޔާ ހޮސްޕިޓަލުގެ މެޑިކަލް ސުޕްރިޑެންޓް، އެން.އެސް. ދަރްމަތިލަކާ ބުނެފައިވަނީ، އިންފްލުއެންޒާ ޖެހިގެން އެ ހޮސްޕިޓަލުން އެކަނިވެސް 30 މީހުނަށް ފަރުވާދެމުންދާ ކަމަށެވެ.

މި ހުން މިހާރު ލަންކާގެ ދެކުނުގެ ސަރަޙައްދުތަކުން އެހެން ހިސާބުތަކަށް ވެސް ފެތުރެން ފަށާފައިވާކަމަށް، އެޤައުމު އިދާރާތަކުން ހާމަކޮށްފައިވާއިރު، ލަންކާގެ ހެލްތް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ، ދެކުނުުގެ ޕްރޮވިންސްތަކުން އެކަނިވެސް 2500 އަށްވުރެ ގިނަ މީހަކު އިންފެކްޓުވެފައިވާ ކަމަށެވެ.

މި ހުން ފެތުރުން ކޮންޓްރޯލް ނުވެ ލަންކާގެ ބޮޑު ބަޔަކަށް ހުން ފެތުރިދާނެކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން ދަނީ، ހުން ޖެހިފައިވާ މީހުނަށް ފަރުވާކޮށް ހުން ފެތުރުމަށް ދިމާވާ ކަންކަން ހާމަކޮށްދީ އެކަމާއި ގުޅޭ މަޢުލޫމާތުތައް ޢާންމުންނަށް ފޯރުވައިދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަން ފަށާފައެވެ.

ސްރީލަންކާއަކީ، އެކި ބޭނުންތަކުގައި ގިނަ ޢަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުންދާ ޤައުމެއްކަން ފާހަނގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު