ކޮވިޑް-19 ޖެހިގެން ބްރެޒިލުން އިއްޔެ މަރުވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރު ވެއްޖެއެވެ. ބްރެޒިލްގެ ސަރުކާރުން އާއްމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި އިއްޔެ ކޮވިޑް ޖެހިގެން ބްރެޒިލުން 4211 މީހަކު ވަނީ މަރުވެފައެވެ. އިއްޔެ އަކީ ކޮވިޑް ޖެހިގެން ބްރެޒިލުން އެންމެ ގިނަ ބަޔަކު މަރުވި ދުވަހެވެ.

ބްރެޒިލުން އިއްޔެ 82000 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ބްރެޒިލުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 13.1 މިލިއަނަށް އަރައެވެ. އޭގެތެރެއިން 337,364 މީހުން ވަނީ ކޮވިޑް ޖެހިގެން ބްރެޒިލުން މަރުވެފައެވެ.

ބްރެޒިލްގައި ކޮވިޑް ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު ވެކްސިން ޖެހުމުގެ ކަންކަން އެކަށީގެންވާ ހަލުވި މިނެއްގައި ކުރިއަކަށް ނުގެންދެވެއެވެ. ބްރެޒިލްގެ ސަރުކާރުން މިހާރު ވަނީ ވެކްސިން ޖެހުން ޕްރައިވެޓް ކުންފުނިތަކާއި ވެސް ހަވާލު ކުރަމުންނެވެ. ނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޕްރައިވެޓް ކުންފުނިތަކާއި ވެކްސިން ޖެހުން ހަވާލު ކުރުމަކީ އިތުރު އެތައް މައްސަލައެއް އުފެދިގެން ހިނގައިދާނެ ކަމެކެވެ.

ކޮވިޑް ފެތުރުން ބްރެޒިލްގައި އިތުރުވަމުން އަންނައިރު އެގައުމުގައި ފަގީރުންގެ އަދަދު ވެސް އަންނަނީ މަތިވަމުންނެވެ. އިއްޔެ އާއްމުކުރި ދިރާސާ ރިޕޯޓެއް ބުނާ ގޮތުގައި ކޮވިޑްގެ ސަބަބުން މިއަހަރު ފެށުނުއިރު ވެސް 19 މިލިއަން މީހުންނަށް ބްރެޒިލްގައި ވަނީ ހައިހޫނުކަމާއި ކުރިމަތިލާން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު