ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ވޭރިއަންޓަށް ބައޯއެންޓެކް އާއި ފައިޒާގެ ވެކްސިން މަސައްކަތެއް ނުކުރާ ކަމަށް އިސްރާއީލްގައި ކުރި ދިރާސާއަކުން ދައްކާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ނަމަވެސް މިދިރާސާ މިނިވަން ސައިންސްވެރިންގެ ޕެނަލްއަކުން އަދި ރިވިއުއެއް ނުކުރެއެވެ.

މިދިރާސާ ކޮށްފައި ވަނީ ތެލްއަވީވް ޔުނިވަސިޓީ އާއި އިސްރާއީލްގެ އެންމެ ބޮޑު ހެލްތު ކެއާ ޖަމިއްޔާ ކަމަށްވާ ކްލަލިސްޓް ގުޅިގެންނެވެ. ދިރާސާގައި ވަނީ ފައިޒާގެ ވެކްސިން ފުރަތަމަ ޑޯޒް ޖަހާފައި ވަނިކޮށް ކޮވިޑަށް ފައްސިވި 400 މީހުންގެ މައުލޫމާތު އެއްކުރުމަށްފަހު ދިރާސާކޮށް އަދި އެއްވެސް ޑޯޒެއް ނުދެނީސް ކޮވިޑަށް ފައްސިވި 400 މީހުންގެ މައުލޫމާތާއި އަޅައި ކިޔާފައެވެ.

ދިރާސާ ކުރި ސައިންސްވެރިންނަށް ފާހަގަ ކުރެވުނީ ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑްގެ ވޭރިއަންޓް B.1.351 އަށް ފައްސިވެފައިވާ މީހުންގެ އަދަދު ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރޭގައި ވެސް ވެކްސިން ނުޖަހާ މީހުންނަށްވުރެ އަށްގުނަ އިތުރު ކަމަށެވެ.

އެހެންކަމުން މީގެ މާނައަކީ B.1.351 ވޭރިއަންޓް ވަނީ "ވެކްސިންގެ ރައްކާތެރިކަން ފޫއަޅުވާލާފައި" ކަމަށް ލަފާކުރެވޭ ކަމަށް ދިރާސާ ރިޕޯޓްގައި ބުނެފައި ވެއެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ދެކުނު އެފްރިކާ ވޭރިއަންޓަށް ފައްސިވާ މީހުންނަށް ފައިޒާގެ ވެކްސިންގެ ސަބަބުން ރައްކާތެރިކަން ލިބޭ މިންވަރު ކުޑަކަމަށް. ނުވަތަ އެއްވެސް ވަރަކަށް ނުކުރާކަމަށް. މިކަމާއި ގުޅޭ އިތުރު ތަހްލީލްތައް އަދި ކުރަން ޖެހޭ" ދިރާސާގައި އިސްކޮށް ހަރަކާތެރިވި ޕްރޮފެސަރ އެޑީ ސްޓެއިން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އަދި މިހާތަނަށް ފައިޒާ އިން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކޮވިޑް-19 ވޭރިއަންޓްތައް އުފެދެމުން ދާއިރު ބައެއް ވޭރިއަންޓްތަކަށް މިހާރު ހުރި ވެކްސިންތަކުގެ އަސަރު ކުރާ މިންވަރު ކުޑަވެދާނެ ކަމަށް ސައިންސްވެރިން މީގެ ކުރިން ވެސް އައީ ބުނަމުންނެވެ. އެފަދަ ހާލަތެއް ދިމާވެދާނެ ކަމަށް ވެކްސިން އުފައްދާ ކުންފުނިތަކުން ވެސް އޮތީ ތައްޔާރު ވެގެންނެވެ.

ވޭރިއަންޓްތަކަށް ވެކްސިންގެ އަސަރު ކުރާ މިންވަރު ކުޑަވެއްޖެނަމަ ވެކްސިނަށް ކުޑަ ބަދަލެއް ގެނެސްގެން އެކަމަށް ހައްލެއް ގެނެވިދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. ނަމަވެސް ވެކްސިނަށް ބަދަލު ގެނެސް އަލުން ވެކްސިން ދިނުމަކީ ކުރަން ޖެހޭ މަސައްކަތައް ބަލާއިރު ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑްގެ ވޭރިއަންޓް މިހާރު ވަނީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު