ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާއެކު އުމްރާގެ އަޅުކަން ފަށައިފިއެވެ.

އިއްޔެއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވުމާއެެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ވަނީ އުމްރާ އަށް ދާން ފަށައިފައެވެ. މިއަދު މައްކާގެ ހަރަމްގައި އުމްރާގެ މަތިވެރި އަޅުކަން ފަށާފައިވާ އިރު، ސައުދީ ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެންް އަޅާފައިވާ ފިޔަވަޅުތަކާ އެކު ނޫން ގޮތަކަށް އުމްރާގެ އަޅުކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފައެވެ.

އެގޮތުން ކޮންމެ ދެމީހެއްގެ ދެމެދުގައި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަށް މަޖުބޫރުކުރުން ފަދަ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.

މި ރަމަޟާން މަހު މައްކާގެ ހަރަމަށް ދުވާލަކަށް ވަދެވޭނީ 50،000 އުމްރާ ވެރިންނަށް ކަމަށާއި އަދި ހަރަމްފުޅުގައި ނަމާދުކުރެވޭނީ ދުވާލަކު 10،000 މީހުންނަށް ކަމަށް ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އާ ހަވާލާދީ "އަލް އަރަބިއްޔާ" ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އުމްރާގެ އަޅުކަން ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކުން ޖެހޭނީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ތައާރަފް ކޮށްފައިވާ ފޯން އެޕްލިކޭޝަނެއް ކަމަށްވާ "ތަވައްކަލްނާ" ނަމަކަށް ކިޔާ އެޕްލިކޭޝަނެއް މެދުވެރިކޮށް ރަޖިސްޓްރީ ވާށެވެ. ރަޖިސްޓްރީވާ ފަރާތް ވާންޖެހޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ 14 ދުވަސް ވެފައިވާ މީހަކަށެވެ. ދެ ޑޯޒް ފުރިހަމަ ކުރިފަހުން ކޮވިޑް ޖެހިފައިވާ ނަމަ ބަލިން ރަނގަޅުވިތާ 14 ދުވަސް ވެފައިވާ މީހަކަށް ވެސް ވާން ޖެހޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު