ކޮންޓްރޯލް ވުމެއް ނެތި އަދިވެސް ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ޝިކާރަ އަކަށްވެ ޕޮލޭންޑުން އިތުރު 903 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19ގެ އަސަރު ދަށްވަމުން އަންނަނިކޮށް އިނގިރޭސިވިލާތާއި އިތުރު ގައުމުތަކުން ފެނުނު ވައިރަސްގެ ނުރައްކާތެރި އައު ވައްތަރާއި އެކު ޔޫރަޕްގެ ގައުމުތަކުގައި އަނެއްކާ ވެސް ވައިރަސް ވަނީ ބޮއްސުންލާން ފަށާފައެވެ.

މިހާތަނަށް ޕޮލޭންޑުން 2,621,116 އަށް ވުރެ ގިނަ މީހުން ފައްސިވެފައިވާއިރު، އޭގެ ތެރެއިން 21،283 މީހުންނަކީ ފާއިތުވި 24 ގަޑިއިރު ފައްސިވެފައިވާ މީހުންނެވެ. މިހާތަނަށް އެގައުމުން މި ބަލި ޖެހިގެން 59,930 މީހަކު ވަނީ މަރުވެފައެވެ.

އެގައުމުން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އޭޕްރިލް މަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 954 މީހަކު ވަނީ މަރުވެފައެވެ. އަދި މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ކަމަށް ރިކޯޑް ކުރެވިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ 37،596 މީހެކެވެ.

މިދިޔަ އަހަރުގެ މާރޗު މަހު އެ ގައުމުން ވައިރަސް ފެނުނު ފަހުން ޕޮލޭންޑުގެ ސަރުކާރުން ވައިރަސް ފެތުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ފަހުން އެޅި ވަރުގަދަ ފިޔަވަޅަކީ ޑިސެމްބަރު މަހުން ފެށިގެން މި މަހުގެ 17 އަށް މުޅި ގައުމު ކަރަންޓީނު ކުރުމެވެ.

މީގެ އިތުރުން ހުރިހާ ރެސްޓޯރެންޓުތަކާއި، ޒަރޫރީ ތަކެތި ވިއްކާ ފިހާރަތައް ނޫން އެހެން ހުރިހާ ފިހާރަތަކެއް ވެސް އެގައުމުގެ ބަންދު ކުރިއެވެ.

ޕޮލޭންޑުގައި ވައިރަސް ފެތުރޭ މިންވަރު އިތުރުވަމުން އަންނާތީ އެގައުމުގެ ސަރުކާރުން ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ވެސް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު