އެމެރިކާގެ ރައީސް ޖޯ ބައިޑެން، ނުރަސްމީ ލިޔުމެއް ޓައިވާނަށް ފޮނުއްވައިފިއެވެ. އަންގާރަ ދުވަހު ފޮނުވި މި ލިޔުމަކީ ޓައިޕެއި އާއި އެމެރިކާއާއި ދެމެދު އޮންނަ ގުޅުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ފޮނުވާފައިވާ ނުރަސްމީ މެސެޖެކެވެ.

އެމެރިކާގެ ސެނެޓް މެމްބަރ ކްރިސް ޑޮޑް އާއި ސްޓޭޓުގެ ޑެޕިއުޓީ ސެކްރެޓަރީ ރިޗާޑް އާމިޓޭގްގެ އިތުރުން ޖޭމްސް ސްޓެއިންބާގް ވަނީ ބުދަ ދުވަހު ޓައިވާނަށް ޒިޔާރަތް ކޮށްފައެވެ.

މި ދަތުރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓައިވާން ރައީސްގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާގެ ސިޔާސީ ބޭފުޅުން ޒިޔާރާތް ކުރުމުން ދޭހަަ ކޮށްދެނީ އެމެރިކާއާއި ޓައިވާނާއި ދެމެދު އޮތް ގުޅުމަކީ އެއްބައިވަންތަ ގުޅުމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ގުޅުމަކީ ހަރު ހިލައަށް ވުރެ ވަރުގަދަ ގުޅުމެއް ކަމަށެވެ.

ޓައިވާނުގައި 23 މިލިއަނެއްހާ މީހުން ދިރިއުޅޭ އިރު ޗައިނާގެ އުނދަގޫތަކަށް އެ ގައުމުގެ ރައްޔިތުން ދަނީ ކެތްކުރަމުންނެވެ. މިދިޔަ ހޯމަ ދުވަހު ޗައިނާގެ 25 އަސްކަރީ ވައިގެ އުޅަނދު ޓައިވާނުގެ އަސްކަރީ ސަލާމަތީ ސަރަހައްދަށް ވަދެފައިވެއެވެ.

އެމެރިކާ އާއި ޓައިވާނުގެ ނުރަސްމީ ބައިވެރިވުމަކީ ޓައިވާނާއި އެމެރިކާގެ ގުޅުމަށް 42 ވަނަ އަހަރުވާ ދުވަހު އެކަން ފާހަގަ ކުރުމަށް ބޭއްވުނު ގުޅުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ގުޅުމާއި މެދު ޗައިނާއިން ވަނީ ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލް ވުމެއްގައި ވާހަކަ ދައްކަވަމުން ޗައިނާގެ ފޮރެއިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ އެމެރިކާއިން މިދަނޑިވަޅުގައި އަލިފާނާ ކުޅެން ނޫޅުމަށް ގޮވާލާފައެވެ.