ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 140 މިލިއަނަށް އަރައިފިއެވެ.

ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 140 މިލިއަނަށް އަރާފައި މިވަނީ އިއްޔެ ވެސް އިތުރު އަށް ލައްކައަށްވުރެ ގިނަ މީހުން ފައްސިވެފައި ވަނިކޮށެވެ. އިދާރާތަކުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އިއްޔެ ދުނިޔެއިން އިތުރު 845,128 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއީ މިހާތަނަށް ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

މިއާއެކު މިހާރު މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދު އުޅެނީ 140,334,714 ގައެވެ. މީގެ ތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭ ފައްސިވި ބައިމިލިއަނަށްވުރެ ގިނަ މީހުން ހިމެނެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔޭގެ ހާލަތު ދުވަހެއް ދުވަހަކަށް އަންނަނީ ގޯސްވަމުންނެވެ. މިގޮތުން މިވަގުތު މި ބަލި ފެތުރެމުންދާ ޤައުމުތަކުގެ ތެރެއިން އެންމެ ނުރައްކާ ބޮޑުވެފައި ވަނީ އިންޑިއާއަށެވެ. އެޤައުމަކީ ފާއިތުވެދިޔަ ދުވަސްތަކުގައި އެންމެ ގިނަ ބަޔަކު ފައްސިވާ ޤައުމުވެސް މެއެވެ.

އިންޑިއާގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެވެސް އެޤައުމުން އިތުރު 233,000 އަށްވުރެ ގިނަ މީހުން ފައްސިވެފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވީ ފަހަރެވެ. މިއާއެކު އެޤައުމުން އެކަނިވެސް ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 14.5 މިލިއަނަށް އަރައެވެ.

ދުނިޔެއިން އެންމެ ގިނަ ބަޔަކު މިހާތަނަށް ކޮވިޑަށް ފައްސިވެފައިވާ ޤައުމަކީ އެމެރިކާއެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 32 މިލިއަން މީހުން ފައްސިވެފައި ވެއެވެ. ނަމަވެސް ފަހަކަށް އައިސް އެމެރިކާގައި ކޮވިޑް-19 ފެތުރޭ މިންވަރު މީގެ ކުރިޔާއި އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ނުހިފެހެއްޓި އިތުރުވަމުން އަންނައިރު މި ބަލީގައި މަރުވާ މީހުންގެ ޢަދަދުތައްވެސް ދަނީ މައްޗަށެވެ. މިގޮތުން އިއްޔެ އެކަނިވެސް 13,800 އަށްވުރެ ގިނަ މީހުން ހިމެނޭހެން މިހާތަނަށް ދުނިޔެއިން މި ބަލީގައި މަރުވި މީހުންގެ ޢަދަދު ވަނީ ތިން މިލިއަނަށް އަރާފައެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރެމުން އަންނަތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 119 މިލިއަން މީހުންނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް، މި ބަލި ފެތުރެން ފެށުމާއެކުވެސް ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުން ބޮޑެތި މަސައްކަތްތައް ކުރަމުން ދިޔައެވެ. މިގޮތުން މި ބަލިން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ ވެކްސިން އުފެއްދުމުގެ މަސައްކަތް ގިނަ ޤައުމުތަކުގައި ކުރިޔަށް ގެންގޮސްފައި ވެއެވެ. މީގެ ތެރެއިން ބައެއް ވެކްސިންތައް މިހާރު ބޭނުންކުރަން ފަށާފައި ވީނަމަވެސް ޖުމްލަ ގޮތެއްގައި ކުރިޔާއި އަޅާބަލާއިރު ބަލީގެ ހާލަތަށް މާބޮޑު އަސަރެއް ކުރަމުންދާ ކަމެއް ފާހަގައެއް ނުކުރެވެއެވެ.

ތަޖުރިބާކާރުން ވިދާޅުވާގޮތުން ކޮވިޑް-19 އަށް ވެކްސިންތައް ބޭނުން ކުރެވެން ނުފެށުނު ނަމަ ދުނިޔެ، މިއަދު މި އޮތް ހާލަތަށްވުރެ ދެގުނައަށް ނުރައްކާ ވީސްއެވެ. އެހެންކަމުން ވެކްސިންތަކުން ބަލީގެ ނުރައްކާ ކުޑަކޮށް ހާލަތު ބަދަލު ކުރެވިދާނެ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު