ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ޢާންމު ތަންތަނުގައި މާސްކު އެޅުމަށް އެކުލަވާލާފައިވާ އުސޫލާއި ޚިލާފުވާ ފަރާތްތައް އިންޑިއާގެ ބައެއް ހިސާބުތަކުގައި 100 އެމެރިކާ ޑޮލަރަށްވުރެ ބޮޑު ޢަދަދަކުން ޖޫރިމަނާ ކުރާނެކަމުގެ އިންޒާރު ދީފިއެވެ.

މިކަން ހާމަކޮށް، ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ އިންޑިއާގެ އެއް ސްޓޭޓް ކަމަށްވާ އުއްތަރ ޕްރަދޭޝްގެ މިނިސްޓަރ، ޔޯގީ އަދިއްތިޔާ ވިދާޅުވީ މިއަދުން ފެށިގެން އެ ސްޓޭޓުގެ ޢާންމު ތަންތަނުގައި މާސްކު ނާޅައި އުޅޭ މީހުން ދިހަހާސް އިންޑިއަން ރުޕީސް އިން ޖޫރިމަނާކުރާނެ ކަމަށެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އެންމެ ހާލަތު ގޯސް ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ އުއްތަރ ޕްރަދޭޝްގައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން މާސްކު ނާޅައި އުޅޭ މީހުން ކުރިންވެސް އެއްހާސް އިންޑިއަން ރުޕީސް އާއި ދިހަ ހާސް ރުޕީސް އާއި ދެމެދުގެ އަދަދުތަކުން ޖޫރިމަނާކޮށްފައި ވެއެވެ.

އުއްތަރ ޕްރަދޭޝްގެ މިނިސްޓަރ ވިދާޅުވެފައި ވާގޮތުން އެ ސްޓޭޓުގައި ކޮވިޑް-19 ގެ ނުރައްކާ މިހާރު އޮތީ އޭގެ އެންމެ މަތީ ދަރަޖައިގައި ކަމަށާއި، އެހެންކަމުން ފިޔަވަޅުތައް ހަރުކަށިކުރަން ކޮންމެހެން ޖެހިފައިވާކަމަށެވެ. އަދި ބަލިމަޑުކަމުގެ މި ހާލަތު ބަދަލުކުރުމަށް ޢާންމު ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ޔޯގީ އަދިތްޔަނަތް ވަނީ ކުރިޔަށް އޮތްތަނުގައި ކޮންމެ ހަފްތާއަކުވެސް އެ ސްޓޭޓު އެންމެ ބާރުބޮޑުވާ ދުވަސްތަކާއި ދިމާކޮށް ފުރަބަންދު ކުރުމަށް ނިންމަވާފައެވެ. އެހެންކަމުން އެފަދަ ދުވަސްތަކުގައި ފުރަބަންދު ކުރުމުން ޢަމަލު ކުރެވޭނީ ކުރީންވެސް ޢިއުލާނުކޮށްފައިވާ ފުރަބަންދުގެ ޚާއްސަ ޙާލަތާއި އެއްގޮތުގެ މަތީން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިޔަށް އޮތް އެއްމަސް ދުވަހުގެ މުއްދަތަކަށް އުއްތަރ ޕްރަދޭޝްގެ ސްކޫލްތައް ބަންދުކޮށް، އިމްތިޙާނުތައް ފަސް ކުރުމަށްވެސް ވަނީ ނިންމާފައެވެ. މިގޮތަށް ނިންމާފައި ވަނީ އެ ސްޓޭޓުން ރެކޯޑް އަދަދަކަށް ފައްސި އިތުރުވުމާއި ގުޅިގެންނެވެ.

ކޮވިޑް-19 ގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް އުއްތަރ ޕްރަދޭޝްއިން 22000 އަށްވުރެ ގިނަ މީހުން ފައްސިވެ 100 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. މިއީ ޖެހިޖެހިގެން އެ ސްޓޭޓުން ފައްސިވީ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އެރި ދެވަނަ ދުވަހެވެ.

އިންޑިއާއަކީ މިވަގުތު މުޅި ދުނިޔެއިންވެސް ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެ، މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ޤައުމެވެ. އެޤައުމުން އިއްޔެ އެކަނިވެސް ދެލައްކައަށްވުރެ ގިނަ މީހުން ފައްސިވެ ހާހަކަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

މިހާތަނަށް އިންޑިއާއިން ޖުމްލަ 14.5 މިލިއަނަށްވުރެ ގިނަ މީހުން ފައްސިވެ، އޭގެތެރެއިން 175,000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު