އެމެރިކާގެ ނައިބު ރައީސް ކަމެލާ ހެރިސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދިން އަންހެނަކު ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ކަމެލާ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފައި ވަނީ އެމެރިކާގެ ފްލޮރިޑާ އަށް ނިސްބަތްވާ އަންހެނެކެވެ.

ކޯޓުގެ ލިޔުންތައް ބުނާ ގޮތުގައި ނިވިއޭން ޕެޓީ ނަމަކަށް ކިޔާ އަންހެން މީހާ ވަނީ ނައިބު ރައީސް ކަމެލާ އަވަހާރަ ކޮށްލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ. އޭނާ އިންޒާރު ދީފައި ވަނީ "ޖޭޕޭ" ނަމަކަށް ކިޔާ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. މިއެޕްލިކޭޝަންގައި އޭނާ ވަނީ ކަމެލާ އަށް މަރުގެ އިންޒާރުދީ ވީޑިއޯތަކެއް އާއްމު ކޮށްފައެވެ.

ޕެޓީގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ އޭނާ އެމެރިކާގެ ނައިބު ރައީސް އަށް މަރުގެ އިންޒާރު ދެމުންދާކަން ފުރަތަމަ ފާހަގަ ކުރެވުނީ މާޗް މަހުގެ 03 ވަނަ ދުވަހު ސްޕެޝަލް އެޖެންޑް ޑޭވިޑް ބަލެންގާއަށެވެ. އެހައި ހިސާބުން ސީކްރެޓް ސާވިސް އިން ވަނީ ޕެޓީގެ ހަރަކާތްތަކަށް ފާރަލައި އޭނާގެ މައުލޫމާތުތައް ހޯދާފައެވެ.

ޕެޓީގެ ވީޑިއޯއެއްގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށާއި ކަމެލާއަށް އަދި އެމެރިކާ ސަރުކާރުގެ އިސްވެރިންނަށް އޭނާގެ ހިތުގައި ވަނީ ނަފްރަތު އުފެދިފައެވެ. ނަމަވެސް މަރުގެ އިންޒާރު ދީފައި ވަނީ ކަމެލާއަށް އެކަންޏެވެ. "ކަމެލާ ކަލޭ ހަނދާން ކުރާތީ މިއަދުން ފެށިގެން ދުވަސް ގުނަން ފަށާ. 50 ވަނަ އަށްވާ ދުވަހު އަހަރެން ކަލޭ މަރާލާނަން." ޕެޓީގެ އެއް ވީޑިއޯގައި ބުނެފައި ވެއެވެ. އެވީޑިއޯ ރެކޯޑް ކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.

ޕެޓީގެ މައްސަލަ ބަލަން ފެށުމުން އޭނާ ބުނެފައި ވަނީ ކަމެލާ ދެކެ ކުރިން ނަފްރަތު ކުރެވުނު ނަމަވެސް މިހާރު އޭނާގެ ހިތުގައި ކަމެލާއަށް އެއްވެސް ނަފްރަތެއް ނެތެވެ.

ކަމެލާ އަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސް އެވެ. އިންޑިއާގެ ދަރިކޮޅަށް ނިސްބަތްވާ ކަމެލާއަށް ނަސްލީ ތަފާތު ކުރުންތަކުގެ ސަބަބުން އަންނަ އިންޒާރުތައް ވަރަށް ގިނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފަހަކަށް އައިސް އެމެރިކާގައި ނަސްލީ ތަފާތު ކުރުންތަކުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.