ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ޢާންމު ތަންތަނުގައި މޫނު ނިވާކޮށްގެން ނުވަތަ މާސްކު އަޅައިގެން އުޅުމަށް އިސްރާއިލްގައި ކަނޑައަޅާފައިވާ އުސޫލު އުވާލަން ނިންމައިފިއެވެ.

މިކަން ހާމަކޮށް އިސްރާއިލްގެ ހެލްތު މިނިސްޓަރ، ޔޫލީ އެޑެލްސްޓެއިން ބުނެފައިވަނީ މި ހަފްތާއިން ފެށިގެން އިސްރާއިލްގެ ޢާންމު ތަންތަނުގައި މާސްކު އަޅަން މަޖުބޫރެއް ނުވާނެ ކަމަށެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނުމަށް މިހާރު ހެލްތު މިނިސްޓްރީގެ ޑިރެކްޓަރަށް އަންގާފައިވާނެ ކަމަށްވެސް އެޑެލްސްޓެއިން ބުނެފައި ވެއެވެ.

އެޑެލްސްޓެއިން ބުނެފައިވަނީ މިގޮތަށް ނިންމީ ކޮވިޑުން ރައްކާތެރުވުމަށް ހުރިހާ ތަނެއްގައި މާސްކު އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޤަބޫލުނުކުރެވޭތީ އާއި، ބަންދު ނޫން ތަންތަނުގައި މާސްކު ނާޅައި އުޅުމަކީ ކޮވިޑް-19 ފެތުރުން އިތުރުވެދާނެ ސަބަބެއް ނޫންކަމަށް ސިއްޙީ މާހިރުން ވިދާޅުވަމުން އަންނާތީ ކަމަށެވެ.

އެޑެލްސްޓެއިން މިގޮތަށް ބުނިނަމަވެސް އިސްރާއިލްގައި ޢާންމު ޚިދުމަތްދޭ ތަންތަނާއި، ޢާންމު ތަންތަނުގެތެރޭގައި ހިމެނޭ ބަންދު ތަންތަނުގައި މާސްކު އަޅަން ޖެހޭނެއެވެ.

އިސްރާއިލްގެ ޢާންމު ތަންތަނުގައި މާސްކު އެޅުމުގެ އުސޫލު އުވާލާފައި ވާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި ޢާންމު ތަންތަނުގައި މާސްކު ނާޅައި އުޅޭ މީހުންނާއި މެދު އެޤައުމުގެ އިދާރާތަކުން އެއްވެސް ފިޔަވަޅެއް އަޅަމުން ނުދާކަމާއި އެކަން ބަލަހައްޓަމުން ނުދާކަމުގެ ވާހަކަ މީޑިއާތަކުން ހާމަކޮށްފައި ވެއެވެ.

އިސްރާއިލް އަކީ އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ގެ ވެންސިންވެސް ދެމުން އަންނަ ޤައުމެވެ. އެޤައުމަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑު ތިން ރާޅު އަރާފައި ވާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި ބަލިމަޑުކަމުގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. އަދި ކުރިޔާއި އަޅާބަލާއިރު އެޤައުމުގައި މި ބަލި ފެތުރޭ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ކޮވިޑް-19 ގެ ހާލަތު ކުރިޔަށްވުރެ ރަނގަޅުވެފައިވާތީ އިސްރާއިލްގައި އަޅާފައިވާ އެހެން ހަރުކަށި ބައެއް ފިޔަވަޅުތަކަށްވެސް މީގެ ކުރިން ވަނީ ލުއިދީފައެވެ. މިގޮތުން ވިޔަފާރި ހިންގުން ހުއްޓުވުމާއި ޙަފްލާތައް ބޭއްވުމާއި ގިނަ ބަޔަކު އެއްތަންވުން މަނާކުރުމުގެ އުސޫލުވެސް ވަނީ އުވާލާފައެވެ.

މީގެ އިތުރުން ކުރިޔަށް އޮތް ދުވަސްތަކުގައި އިސްރާއިލްގެ ސްކޫލްތައްވެސް އާ ޢާންމު ހާލަތުގެ ދަށުން ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އިސްރާއިލް އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 837,047 މީހެކެވެ. މީގެ ތެރެއިން 6335 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް އިސްރާއިލް އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 828,388 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އިޒްރާއިލް ބަކަރި

  ތި ހުރިހާ އެއްޗެހިތަކަށް އެބަލި ޖެހިއްޖިއްުޔާ ކިހާ ރަނގަޅު.. އިޒްރާއިލު ތީ ދުނިޔޭގެ ހަލާކު

  9
  6
 2. ހުސޭނުބޭ

  ނިސްބަތުން އެންމެ ގިނަބަޔަކު ވެކްސިން ޖެހީ އިޒްރޭލުގައި. އެއީ ތި ވާ ގޮތަކީ

 3. khanaadm.

  ޢިޒުރޭލަކީ ދުނިޔޭގައި މިހާރު އެއްމެ ކުރި އަރާފައިވާ އެއް ގައުމު، ދުނިޔޭގެ ނިސްބަތުން އެއްމެ ކުޅަދާނަ ސައިންސް ވެރިން ތިބީ އިޒުރޭލުގައި.

  2
  1
 4. އަންނި

  ނައިސް.

  1
  1