ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ އިންޑިއާގައި ބަލި ޖެހޭ މީހުން ހޮސްޕިޓަލުން އެނދެއް ލިބޭތޯ ސަލާން ޖަހަން ޖެހޭ ހިސާބަށް އެ ގައުމުގެ ހާލަތު ގޮސްފިއެވެ.

އިންޑިއާގެ ހާލަތު ގޯސްވެފައި ވަނީ ކޮވިޑްގެ އާ ވައްތަރެއް އެ ގައުމުން ފެނުމުންނެވެ. އެ ގައުމުން ފެނުނު އާ ވައްތަރަކީ ހާރު ފެތުރެމުން އަންނަ ވައްތަރުތަކާ އަޅާ ބަލާއިރު މާ ނުރައްކާތެރި ވައްތަރެކެވެ.

ކޮވިޑްގެ ނުރައްކާ އެގައުމުގައި ބޮޑުވެފާއިވާ ކަން ފާހަގަ ކުރަމުން ސީއެންއެން ނޫހުން ބުނެފައިވަނީ އެގައުމުގެ ސިއްހީ ނިޒާމު ވަނީ ފެއިލްވެފައިވާ ކަމަށެވެ. އެއީ ހޮސްޕިޓަލްތައް ފުރި މީހުން އެނދުމަތި ވުމަށް ސަލާން ޖަހާ ހިސާބަށް ދިއުމުންނެވެ.

މީގެއިތުރުން މަރުވާ މީހުންގެ އިންސައްތަ ވެސް އެގައުމުގައި އިތުރުވެ ސަހަރާތައް ވެސް ވަނީ ފުރިފައެވެ.

މީސްމީޑިއާގެ ކޮންމެ ހިސާބެއް ބަލާލި ނަމަވެސް މިހާރު ފެނިގެން ދަނީ އާއިލަތަކުން އެ އާއިލާއެއްގައި ތިބި ބަލި މީހުން އެޑްމިޓް ކުރުމަށް އެނދެއް ހޯދުމަށް ސަލާން ޖަހާ ވާހަކަ އާއި މަންޒަރެވެ.

އެގޮތުން ޓުވިޓާގައި މީހަކު ބުނެފައިވަނީ އޭނާގެ ބަލި މަންމަ އެނދުމަތި ކުރުމަށް އެނދެއް ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ކޮވިޑް ޖެހިގެން ބައްޕަ މަރުވެފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށާއި މަންމަ ފައްސިވެފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ.

އެހެން ކަމުން ވޯޑެއްގައި ފަރުވާ ދެމުން އައިސް މިހާރު ހާލު ސީރިއަސް ވެގެން އައިސީޔޫއަށް ބަދަލު ކުރަން ޖެހިފައިވާ ކަމަށާއި ނަމަވެސް އެތަނުން އެނދެއް ބޭނުންވާ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

"މަންމަ އެނދުމަތި ކުރަން އައިސީޔޫ އިން އެނދެއް ހޯދަން އަޅުގަނޑު ރޮނީ. އެފަދަ ކަމެއް ކުރެވޭނެ މީހަކު ހުރިއްޔާ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާ" މުމްބާއީގައި ދިރިއުޅެމުން އަންނަ އަނިލް ޓިވާރީ، (36އ.) ބުންޏެވެ.

އޭނާ ބުނީ، މަންމަ އަށް އައިސީޔޫއިން އެނދެއް ލިބިފައިވަނީ ކަމާބެހޭ އެކި އިދާރާތްތަކަށް ގުޅައިގެން ވަރަށް އުނދަގުލުން ކަމަށެވެ. އެނދު ލިބުނު ނަމަވެސް މިހާރު ހޮސްޕިޓަލުން އޮކްސިޖެން ހުސްވެ، އެއަށް ބޭނުން ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އިންޑިއާގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނާތީ އިނގިރޭސިވިލާތުން ވަނީ އެ ގައުމަކީ ދަތުރު ކުރުން ރައްކާތެރި ނޫން ގައުމެއް ކަމަށް ކަނޑައަޅައިފައެވެ.

އިންޑިއާއިން އިއްޔެ އެކަނި ވެސް 294،290 މީހަކު ވަނީ ފައްސިވެފައެވެ. އަދި މިބަލީގައި އިއްޔެ އެގައުމުން 2،020 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Mohamed

    ރާއްޖެ އަށް ހޮލިޑޭ ގެނޭ އަތަށް ގޮވަންދެން.