އޮކްސިޖަން ލީކު ވެގެން އިންޑިޔާގައި ކޮވިޑް-19 އަށް ފަރުވާހޯދަމުންދިޔަ 22 މީހަކު މަރުވެއްޖެ އެވެ.

 

މި ހާދިސާ ހިނގާފައި ވަނީ ނާޝިކް ސިޓީގައި ހުންނަ ޒާކިރް ހުސެއިން ހޮސްޕިޓަލުގެ ސްޓޯރޭޖް ޓޭންކް އަކަށް އޮކްސިޖަން ޓޭންކުން އޮކްސިޖަން ރީފިލް ކުރުމުގެ ތެރޭގައި އެވެ. އޮފިޝަލުންނާއި ހަވާލާދީ މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި އޮކްސިޖަން ރީފިލް ކުރުމުގެ ތެރޭގައި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައި ނުވެއެވެ.

އޮފިޝަލުން ބުނީ 30 މިނެޓު ވަންދެން ވެންޓިލޭޓަރުން ފަރުވާ ހޯދަމުންދިޔަ މީހުންނަށް އޮކްސިޖަން މެދުކެނޑިފައިވާ ކަމަށެވެ.

އިންޑިޔާގައި ހަލުވިކަމާއި އެކީ ކޮވިޑް-19 ފެތުރެމުންދާއިރު ބަލި ޖެހިގެން މަރުވާ މީހުންނާއި ނުރައްކާތެރި ހާލަތަށް ގޮސްފައިވާ ފަރާތްތަކުން އެޤައުމުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ފުރިފަ އެވެ. ބައެއް ހޮސްޕިޓަލްތަކަށް ބޭނުންވާ މިންވަރަކަށް އޮކްސިޖަން ނުލިބިގެން ސިފައިންގެ އެހީތެރިކަމަށް ވެސް ވަނީ އެދިފައެވެ. ސިފައިން ދަނީ އޮކްސިޖަން އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އޮކްސިޖަން ލީކުވެ ގިނަ ބަޔަކު މަރުވި މި ހާދިސާ އާއި ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އާއިލާ ތަކަށް ތައުޒިޔާ ފޮނުވައިފަ އެވެ.

ކޮވިޑް-19 ގެ ދެވަނަ ރާޅާއި އެކީ އިންޑިޔާގެ ހާލަތު ގޯސްވަމުން ދާއިރު އިއްޔެ އިންޑިއާ އިން ވަނީ ތިން ލައްކައަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައެވެ. އިއްޔެ އަކީ އިންޑިއާ އިން މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އިންޑިއާ އިން މިހާރު ވަނީ ހުރިހާ އުމުރެއްގެ މީހުންނަށް ވެކްސިން ދޭން ނިންމާފައެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި ހުރިހާ އުމުރެއްގެ މީހުންނަށް ވެކްސިން ދޭން ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު