މިއަދު އިންޑިއާއިން ރިޕޯޓްކުރިގޮތުގައި ކޮވިޑް-19 ޖެހިފައި ވަނީ 314،835 މީހަކަށެވެ. މިއީ ރެކޯޑެކެެވެ. އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެފައިވާގޮތުގައި، އެ ބަލީގައި މަރުވެފައި ވަނީ 2،074 މީހެކެވެ.

އިންޑިއާއިން ބުނާގޮތުގައި،މިއީ ކޮވިޑްގެ ދެވަނަ ރާޅެއެވެ. މިއީ އެ ގައުމުަށް ކޮވިޑްގެ ފުރަތަމަ ރާޅާއެކު އައި ރޯޅިއަށްވުރެ ބޮޑު ރޯޅިއެކެވެ. ސިއްހީ މާހިރުން ބުނާގޮތުގައި، މިއީ ކޮވިޑްގެ އާ ވައްތަރާއެކު ވަމުންދާ ގޮތެވެ.

މި އަހަރު ކުރީކޮޅު އިންޑިއާގައި ހީވީ ބަލި އެއްކޮށް ކޮވިޑުން އަރައިގަތްހެންނެވެ. އެ ގައުމުގައި ކޮވިޑްގެ ދިފާއުގައި ވެކްސިންގެ ބޮޑު ޕްރޮގްރާމެއްވެއސް ފެށިއެވެ. އަދި މާސްކް އެޅުމާއި އިޖްތިމާއީ ގައިދުރުކަަމަށް ސަމާލުކަން ނުދީ، ދީނީ ހާއްސަ ރަސްމިއްޔާތުތަކާއި، އިންތިހާބީ ރެލީތަކާއި، ކެރިކެޓް މެޗުތައް ކުރިއަށް ގެންދިޔައެވެ.

އެހެން ނަމަވެސް މިހާރު ބަލީގެ ބިރުވެރިކަމާއެކު ގިނަ ސިޓީތައް އޮތީ ފުރަބަންދުކޮށްފައެވެ.

އަދި އެ ބައްޔާއި ދެކޮޅަށް ބޭނުން ކުރާ ބޭސްތައްވެސް މިހާރު ވިއްކަމުން ދަނީ ކަޅު ބާޒާރުގައެވެ. އަދި އޮކްސިޖަން ސިލިންޑަރުތައް މަގުމަތިން ފޭރެނީ އެވެ.

އެ ބިރުވެރިކަމުގެ ދުވަސްތަކަށް އިންޑިއާގެ ކޮވިޑްގެ ހާލަތު ގޮސްފައިވާއިރު، އެ ގައުމުގައި ކޮވިޑަށް ފައްސިވާ އަދަދަށްވުރެ މަރުވާ މީހުންގެ އަދަދުތައް ހާމަކުރާވަރު މަދުކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އެގޮތުން އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، ގުޖްރާތް އާއި އުއްތަރްޕަރަދޭޝް، މަދްޔާޕްރަދޭޝް އާއި ބިހާރް ގައި އެންމެ މަދުވެގެން 1،833 މީހަކު ކޮވިޑްގައި ވަނީ ދާދި ފަހުން މަރުވެފައެވެ. އެހެން ނަމަވެސް އަންދާ މީހުންގެ ނިސްބަތަށް ބަލާއިރު، އެ މި ސަރަހައްދުތަކުން މަރުވެފައިވާ ކަމަށް އޮފިޝަލްކޮށް ރިޕޯޓްކޮށްފައި ވަނީ 228 މީހެކެވެ.

ފައިނޭންޝިއަލް ޓައިމްސް އިން ބުނާގޮތުގައި، ގުޖްރާތްގެ ޖަމްނަގަރް ޕްރޮވިންސްގައި ކޮވިޑް ޖެހިފައިވާ 100 މީހެއްގެ ހަށިގަނޑު ވަނީ އަންދާލާފައެވެ. އެކަމަކު އޮފިޝަލްކޮށް ރިޕޯޓްކޮށްފައި ވަނީ އެންމެ މީހަކު މަރުވި ކަމަށެވެ.