އިންޑިއާގެ ނިއުދިއްލީގެ ހޮސްޕިޓަލަކުން އޮކްސިޖަން ހުސްވެގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ބަލީގެ 25 ބަލި މީހުން މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.

ނިއުދިއްލީގައި ހުންނަ ސަރ ގަންގާ ރާމް ހޮސްޕިޓަލުން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނީ ވަރަށް ހާލުބޮޑު 25 ބަލި މީހަކު އޮކްސިޖަން ނުލިބިގެން މަރުވެފައިވާ ކަމަށެވެ. މިހާރު ވެސް ހޮސްޕިޓަލްގައި ހުރީ ދެގަޑިއިރަށް ފުދޭވަރުގެ އޮކްސިޖަން ކަމަށާއި، އޮކްސިޖަން މެދުކެނޑިއްޖެނަމަ އިތުރު 60 ބަލި މީހަކު މަރުވެދާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

"ހާލުބޮޑު 25 ބަލި މީހަކު ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވެފައި. މިހާރު ހޮސްޕިޓަލްގައި ހުރި އޮކްސިޖަން ބޭނުން ކުރެވޭނީ ދެގަޑިއިރު. އޮކްސިޖަން އެކަށީގެންވާ ވަރަށް ނެތުމުން ވެންޓިލޭޓަރުގައި ބާއްވާފައި ތިބި ބަލި މީހުންނަށް ފަރުވާ ދިނުމުގައި ވެސް ވަނީ ދަތިތައް ކުރިމަތިވެފައި." ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުންޏެވެ.

ހޮސްޕިޓަލުން އެދިފައި ވަނީ ވައިގެ މަގުން އަވަހަށް ހޮސްޕިޓަލަށް އޮކްސިޖަން ފޯރުކޮށްދިނުމަށެވެ.

ހޮސްޕިޓަލުން ބަޔާން ނެރުނު ފަހުން ހޮސްޕިޓަލްގެ ޗެއާމަން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޮކްސިޖަން މިހާރު ދިއްލީގެ ބޯޑަރާއި ހަމައަށް އަތުވެއްޖެ ކަމަށާއި އެހެންކަމުން ހޮސްޕިޓަލަށް ވަރަށް އަވަހަށް އޮކްސިޖަން ލިބޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

ދިއްލީގައި ހުންނަ ގަންގާ ރާމް ހޮސްޕިޓަލަކީ ދިއްލީގައި ހުންނަ އެންމެ ބޮޑު އެއް ޕްރައިވެޓް ހޮސްޕިޓަލެވެ. އެތަނުގައި މިހާރު ވެސް 500 ކޮވިޑް ބަލި މީހުން އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އެބަގެންދެއެވެ. އޭގެތެރެއިން 142 މީހެއްގެ ހާލު ވަރަށް ދެރަކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އިންޑިއާގެ ވަރަށް ގިނަ ހޮސްޕިޓަލްތައް މިހާރު ވަނީ ފުރިފައެވެ. އަދި ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވެގެން އޮކްސިޖަން ފޯރުކޮށްދިނުމަށް ދަނީ އެދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު