ކޮވިޑް-19 އިން ދިފާއުވުމަށް ފައިޒާ ކުންފުނިން އުފައްދާފައިވާ ވެކްސިން ދީފައިވާ މީހުންގެ ތެރެއިން ބައެއް މީހުންގެ ހިތް ދުޅަވާ ކަމަށް ބުނާތީ އިސްރާއީލްގެ ކަމާބެހޭ ފަރާތްތަކުން އެކަމުގެ ހަގީގަތް ބަލަން އިތުރު ތަހްލީލްތަކެއް ކުރަން ފަށައިފިއެވެ.

އާބާދީގެ ނިސްބަތައް ބަލާއިރު އެންމެ ގިނަ ބަޔަކަށް ފައިޒާ ވެކްސިން ޖަހާފައިވާ އިސްރާއީލުން މިއަދު ބުނީ ފައިޒާ ވެކްސިން ދިން ބައެއް މީހުންނަށް ހިތް ދުޅަވުމުގެ މައްސަލަ ކުރިމަތި ކަމަށް ބުނާތީ އެކަމުގެ ހަގީގަތް ދެނެގަންނަން ތަހްލީލެއް ފަށާފައިވާ ކަމަށެވެ،

އިސްރާއީލްގެ ހެލްތު މިނިސްޓްރީން ބުނީ ވެކްސިން ދިން ފަހުން ބައެއް މީހުންގެ ހިތް ދުޅަވުމުގެ ރިޕޯޓް ލިބިފައި ވީނަމަވެސް އެއީ ވެކްސިން ޖެހުމުގެ ސަބަބުން ކުރިމަތި ކަމެއްކަން އަދި ބުނާކަށް ނޭނގެއެވެ. ހިތް ދުޅަވުމުގެ މައްސަލަ އާބާދީގެ ނިސްބަތައް ބަލާއިރު ރިޕޯޓް ކުރުން ފައިޒާ ވެކްސިން ދިން ފަހުން އިތުރުވި ކަން ވެސް އަދި މުޅިން ކަށަވަރު ނުވާކަމަށް އިސްރާއީލްގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

އިސްރާއީލުން މިހާތަނަށް ވަނީ ފަސް މިލިއަން މީހުންނަށް ފައިޒާ ވެކްސިންގެ ދެވަނަ ޑޯޒް ދީފައެވެ.

ފައިޒާ އިން ބުނީ އިސްރާއީލްގައި ވެކްސިން ދިން މީހުންނަށް ދިމާވާ ކަމަށް ބުނާ މައްސަލަތަކާއި ގުޅިގެން އިސްރާއީލްގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާކޮށް މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ. ވަކި އެއްޗެއް ބުނަން އެނގޭނީ ލިބޭ މައުލޫމާތުތައް ދިރާސާ ކުރުމަށް ފަހު ކަމަށް ފައިޒާ އިން ބުނެއެވެ. ފައިޒާ އިން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު ވެކްސިން ދިނުން ހުއްޓާލަން ޖެހޭ ފަދަ ނުރައްކަލެއް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންތައް އުފައްދާފައި ވަނީ އާދަޔާއިހިލާފު އަވަސް މިނެއްގައެވެ. މީގެ ކުރިން އާއްމު ގޮތެއްގައި ވެކްސިނެއް އުފައްދަން ދިހަ ވަރަކަށް އަހަރު ހޭދަވެއެވެ. ނަމަވެސް ކޮވިޑް ވެކްސިންތައް އުފައްދާފައި ވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލި ދީދީ

    ތި ޖަހަންވީ މަގޭ ކުރީގެ އެކްސްއަށް.. ނުވާނެ ގޮތެއް.. ހިތެއް ނެތް ގޮލައެއް..