މިދިޔަ އަހަރު ފުރަބަންދު ފެށުން ފަހުން އިންޑިއާއިން ކޮވިޑް-19 ޖެހުން ކަމަށް ރިޕޯޓު ކޮށްފައިވަނީ 17.6 މިލިއަން މީހުން ނަމަވެސް، އަސްލު އަދަދު އެޔަށްވުރެ 30 ގުނަ އިތުރު ވެދާނެ ކަމަށް ސިއްހީ މާހިރުންނަށް ގަބޫލުކުރެވިއްޖެ އެވެ.

އެހެންކަމުން 500 މިލިއަން މީހުންނަށް އިންޑިއާއިން ކޮވިޑް ޖެހިފައިވާކަމަށް މި ވަނީ ލަފާ ކުރެވިފައެވެ.

ސިއްހީ ހިދުމަތްތެރިންނާއި ސައިންސްވެރިން އެތައް ފަހަރެއްގެ މަތިން އިންޑިއާގައި ކޮވިޑް ޖެހޭ މީހުންނާއި ކޮވިޑްގައި މަރުވާ މީހުން ރިކޯޑު ކުރުމަށް ނުކުޅެދިފައިވާކަން ފާހަގަ ކޮށް އެކަމުގެ އިންޒާރު ދީފައިވެއެވެ. ރިކޯޑުތައް ބެލެހެއްޓުމުގައި ބަލަންވާވަރަށް ނުބެލުމާއި، ޓެސްޓިންގް ލެވެލް ދަށް ވުމާއި އަދި އޮޅުން އެރުމަކީ މި ރިކޯޑުތައް ގަވާއިދުން ނުބެލެހެއްޓެން ދިމާވެފައިވާ މައިގަނޑު މައްސަލަ ތަކެެވެ.

ދިއްލީގެ ސެންޓަރ ފޯ ޑިސީސް ޑައިނަމިކްސްގެ ޑިރެކްޓަރ، ރަމަނަން ލަކްސްމިނަރަޔަން ވިދާޅުވީ ކޮވިޑް ޖެހޭ މީހުންނާއި ކޮވިޑުގައި މަރުވާ މީހުންގެ ގިނަ ރިކޯޑުތަކެއް ބެލެހެއްޓިފައި ނުވާކަން އެނގޭ ކަމަށެވެ. އަދި ލަފާ ކުރެވޭ ގޮތުން މިދިޔަ އަހަރު ކޮވިޑް ޖެހޭ ކޮންމެ 30 މީހެއްގެ ތެރެއިން ޓެސްޓުކޮށް އެކަން ކަށަވަރު ވެފައިވަނީ އެކަކެވެ. މީގެން ދޭހަ ކޮށްދެނީ ކޮވިޑަށް ފައްސިވެ އެތައް ބަޔަކު ރިކޯޑު ކުރެވިފައި ނުވާ ކަމެވެ. އެހެންކަމުން އިންޑިއާގައި ކޮވިޑަށް ފައްސިވީ މީހުންގެ ޖުމުލަ އަދަދު ވަރަށް ބޮޑަށް އޮޅުން އަރައިގެން ދާކަމަށް ރަމަނަން ވިދާޅުވިއެވެ.

އިންޑިއާގައި އެކަށީގެންވާ މިންވަރަށް ކޮވިޑަށް ޓެސްޓު ނުކުރެވޭކަން ފާހަގަ ކޮށްލެވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމުއްޔާގެ އެންމެ އިސް ސައިންސްވެރިޔާ ސޫމްޔާ ސްވަމިނަތަން ވިދާޅުވީ އެގައުމުގައި ކޮވިޑަށް ފައްސިވާ މީހުންގެ ރޭޓަކީ 15 އިންސައްތަ ކަމަށެވެ. އަދި ވެރި ރަށް ދިއްލީގައި ފައްސި ވާ މީހުންގެ އިންސައްތަ 30 އިންސައްތައަށް ވުރެ އިތުރުވާ ކަމަށް ވިދާޅުވެފައިވެއެވެ. އިންޑިއާގައި ދުވާލެއްގެ މައްޗަށް 2 މިލިއަނާއި ގާތް ކުރާ އަދަދަކަށް ކޮވިޑް ޓެސްޓު ކުރެއެވެ. ސައިންސްވެރިޔާ ސޫމްޔާ ވިދާޅުވީ އިންޑިއާގައި އެއަދަދަށް މީހުން ޓެސްޓު ކޮށްގެން ކޮވިޑް ޖެހިފައި ތިބި އެތައް ބަޔަކު ޓެސްޓު ނުކުރެވުމުގެ ސަބަބުން އެކަން ނޭންގި ހުރެދާނެ ކަމަށެވެ.

ޓެސްޓު ކުރުމުގެ އަދަދު މަދުވެފައިވާ ސަބަބެއް ކަމަށް ސިއްހީ މާހިރުން ފާހަގަ ކޮށްފައިވަނީ އަލާމާތްތަށް ނުފެންނާތީ ޓެސްޓު ނުކުރުމާއި، ބަޔެއް މީހުންނަށް ޓެސްޓު ކުރެވެން ހުންނަ ސެންޓަރުތަކަށް ދަތުރު ކުރެވެން ނެތުމުންން ކަމަށެވެ.

ގައުމުގެ ސާވޭއިން ދައްކާގޮތުގައި ކޮވިޑަށް ފައްސިވެ އެކަން ނޭންގި ތިބޭ މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ މީހުންނަށް ވުރެ 30-20 އިންސައްތަ އިތުރުވެއެވެ.

27 އެޕްރީލް ވީ އަންގާރަ ދުވަހާއި ހަމަޔަށް އިންޑިއާއިން ކޮވިޑަށް ފައްސި ވެފައިވާ މީހުންގެ އަދަދު ލަފާކުރެވޭ ގޮތުގައި 529 މިލިއަނަށް ވުރެ އިތުރުވެއެވެ.

ކިޔުންތެރިންގެ ހިޔާލު