އަވަށްޓެރި ލަންކާގައި ކޮވިޑް-19އިގެ ހާލަތު ގޯސްވެ އެނދުތައް ފުރިދާނެކަމުގެ ބިރު ހީވާން ފަށައިފިއެވެ. ލަންކާގެ ހޮސްޕިޓަލްތަކުގައި ހުރި އޮކްސިޖަން މިންވަރު މިހާރު ވަނީ ދެނެފަނެފައެވެ. ސަބަބަކީ އައިސީޔޫ އަށް ބާރުބޮޑުވެ އެނދުތައް ފުރެންދެން މީހުން އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހިފައިވުމެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީ އިން ވަނީ ސަރުކާރު ހޮސްޕިޓަލްތަކުގައި އޮކްސިޖަން ހުރި މިންވަރު ދެނެގަތުމަށް އެ މައުލޫމަތު ފޯރުކޮށްދިނުމަށް ހޮސްޕިޓަލްތަކުގައި އެދިފައެވެ.

ލަންކާގެ ސްޓޭޓް މިިސްޓަރ އޮފް ޕްރައިމަރީ ހެލްތް ކެއާ، އެޕިޑެމިކްސް އެންޑް ކޮވިޑް ޑިސީސް ކޮންޓްރޯލް، ޑރ.ސުދަރްޝިނީ ފާނންޑޮޕުއްލޭ ލަންކާގެ ކޮލޮމްބޯ ގެޒެޓް އަށް ވިދާޅުވީ އައިސީޔޫގައި އެނދުމަތިކުރާ މީހުންގެ އަދަދު އާދަޔާއި ޚިލާފަށް އިތުރުވަމުންދާ ކަމަށެވެ.

އޭނަ ވިދާޅުވީ ބަލި ޖެހޭ މީހުންގެ ނިސްބަތްވެ އައިސީޔޫ އަށް ބާރުބޮޑުވާތީ އެކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ.

އަދި ބަލި ޖެހޭ ޒުވާނުންނަށް ބަލީގައި ބޮޑުވަރުވާ މައްސަލަވެސް ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ލަންކާގައި އިތުރު އައިސީޔޫ އެނދުތައް އިތުރުކުރުމުގެ މަސައްކަތް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ލަންކާގައި އޮކްސިޖެންގެ ދަތިކަން ކުރިމަތިވެފައި މިވަނީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް އޮކްސިޖަން ނުލިބުމުގެ ދަތިކަން ލަންކާއަށް ކުރިމަތި ނުވާނެ ކަމަށް ލަންކާ ސަރުކާރުން ބުނެފައި ވަނިކޮށެވެ.

އަވަށްޓެރި ސްރީލަންކާ އިން ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް އިއްޔެވެސް ފައްސިވިއެވެ.

ލަންކާ ސަރުކާރުން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުގައި އެގައުމުން އިއްޔެ ވަނީ 1111 މީހުން ކޮވިޑަށް ފައްސިވެފައެވެ.

އެހެންކަމުން އިއްޔެ އަކީ މިހާތަނަށް ލަންކާ އިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު