އިންޑިއާގެ ހޮސްޕިޓަލެއްގައި އެނދުމަތި ކޮށްފައި ތިބި ބަލިމީހުންގެ ތެރެއިން އޮކްސިޖަން ނުލިބިގެން 24 ބަލި މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އޮކްސިޖަން ނުލިބިގެން މަރުވެފައި ވަނީ އެގައުމުގެ ސަރުކާރު ހޮސްޕިޓަލެއްގައި އެނދުމަތި ކޮށްފައި ތިބި ބަލިމީހުން ތަކެކެވެ.

އެނދުމަތި ކޮށްފައި ތިބި ބަލިމީހުން މަރުވި ހޮސްޕިޓަލުން ބުނީ އެންމެން މަރުވީ އޮކްސިޖަން ނުލިބިގެން ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި މީހުން މަރުވިގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އޮކްސިޖަން ނުލިބި ގިނަބަޔަކު މަރުވި މައްސަލައާއި ގުޅިގެން މަރުވި މީހުންގެ އާއިލާތަކުން އަންނަނީ ހޮސްޕިޓަލް ކުރިމަތީގައި މުޒާހަރާ ކުރަމުންނެވެ.

ކަރްނަތަކާ ޗީފް މިނިސްޓަރ ބީ އެސް ޔެދިޔުރައްޕާ ވަނީ ޗަމަރަޖަނަގަރް ޑިސްޓްރިކް ކޮމިޝަނަރް އަށް ގުޅައި މި ހާދިސާ ހިނގައިދިޔަގޮތް އޮޅުންފިލުވާފައެވެ. އަދި މައްސަލަ ބެލުމަށް ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ވެސް ބާއްވާފައި ވެއެވެ.

އިންޑިއާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި މައްސަލަ ތަހުގީގުކޮށް މައްސަލައިގައި ފަރުވާކުޑަކުރި ފަރާތްތައް ހޯދާ ހައްގު އަދަބު ދޭނޭ ކަމަށް ބުނެފައެވެ.

އޮކްސިޖަން ލިބުންދަ ތިބި އިންޑިއާއިން ފާއިތުވި ދުވަސްތަކުގައި އެތައް ބަޔަކު މަރުވެފައިވާއިރު އެޤައުމު އޮކްސިޖަނަށް ޖެހިފައި މިވަނީ ކޮވިޑް-19 ގެ ދެވަނަ ރާޅު އެރައި ގިނަ ބަޔަކު ފައްސިވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އިންޑިއާއިން މިހާތަނަށް އެތައް ލައްކަ ބަޔަކު ކޮވިޑަށް ފައްސިވެފައިވާއިރު ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ދަނީ މަރުވަމުންނެވެ.

އިންޑިއާގެ ހަބަރުތައް ގެނެސްދޭ މީޑިޔާތަކުން ބުނަމުންދާގޮތުގައި އެޤައުމުގައި މަރުވާ މީހުން އެންދުމަށް މިހާރު ތިބެނީ އެކަންކަން ކުރާ ތަންތަނުގައި ކިޔު ހަދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު